26 Oct 2015, 19:41
މޯލްޑިވްސް ޕޮލިސް ސާރވިސް މިވަގުތު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އަހުމަދު އަރީފާ ބައްދަލު ކުރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އެދިއްޖެ އެވެ.
އެމްޑީޕީންވެބްސައިޓުގައިބުނެފައި ވަނީ ޑީސީޕީ އަރީފާ ބައްދަލު ކުރަން އެދި، އެ ޕާޓީން ފުލުހުންނަށް ސިޓީއެއް ފޮނުވީ މިއަދު ކަމަށެވެ. އަރީފާ ބައްދަލު ކުރަން އެދުނު ސަބަބެއް އެމްޑީޕީއަކުން ނުބުނެ އެވެ.
ފުލުސް އޮފީސް ހިންގެވުން މިދިޔަ ހުކުރު ދުވަހުގެ ރޭ ޑީސީޕީ އަރީފާ ހަވާލު ކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓް ކުރެއްވުމަށް ފަހު އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މަގާމުން ވަކިކުރައްވައި ރައީސް ޔާމީން ވަނީ އޭނާ އަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފަ އެވެ. ފުލުހުންގެ އިދާރާ ހިންގުން ހަވާލު ކުރުމުގެ ދުވަސްކޮޅެއް ކުރިން އަރީފަށް ވަނީ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމު ވެސް ދެއްވައިފަ އެވެ.