ދެ ޓަނުގެ މަސްތުވާތަކެއްޗާއެކު ޕްރައިވެޓް ޖެޓެއްގައި ލުބްނާނުން ފުރަން އުޅެނިކޮށް ސައުދީ ޕްރިންސެއް ހައްޔަރުކޮށްފި އެވެ.

ރަޝިއާ ޓުޑޭ (އާރްޓީ)އިން ބުނި ގޮތުގައި ދެ ޓަނުގެ މަސްތުވާތަކެއްޗާއެކު ލުބްނާނުން ހައްޔަރުކޮށްފައި ވަނީ ސައުދީ ޕްރިސެއް ކަމަށްވާ އަބްދުލް މުހުސިން ބިން ވާލިދު ބިން އަބްދުލް އަޒީޒް އަލް ސައުދު އެވެ. އޭނާއާއެކު އެ އިތުރު ހަތަރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ލުބްނާންގެ ސެކިއުރިޓީ ފޯސް އިން ސައުދީ ޕްރިންސް ހައްޔަރުކޮށްފައި ވަނީ އެ ގައުމުގެ ވެރިރަށް ބޭރޫތުގެ ރަފީގު ހަރީރީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ބަންދުގައި ބައިތިއްބައިގެން އެ މީހުންނާ ސުވާލު ކުރަމުންދާ ކަމަށް ލުބްނާންގެ ލޯކަލް މީޑިއާއިން ބުންޏެވެ.

އާރުޓީން ބުނީ ސައުދީ ޕްރިންސް ހައްޔަރު ކުރީ މަސްތުވާތަކެއްޗާއެކު ސައުދީއަށް ފުރަން އުޅެނިކޮށް ކަމަށެވެ.

ލޯކަލް މީޑިއާތަކުން ބުނާ ގޮތުގައި އެމަނިކުފާނުގެ ޕްރައިވެޓް ފްލައިޓުން 24 ދަބަހާއި އަށް ސޫޓުކޭހުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކެޕްޓަގަން އާއި އެމްފެޓަމީން ހިމެނޭ ކަމަށް ނޫސްތަކުން ބުންޏެވެ.