ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮމެއް ގޮވި ހާދިސާގެ ތަހުގީގަށް މާފަންނުގައި ހުރި ގެއެއް އަނެއްކާވެސް ބލައި ފާސްކޮށް ބައެއް ތަކެތި ފުލުހުން ގެންގޮސްފި އެވެ. ފުލުހުން ބަލައި ފާސްކުރީ މ. އައްޒާމުގެ އެވެ.

މިއަދު މެންދުރުފަހު އެ ގެ ބަލައި ފާސްކުރުމަށް ވަދެފައި ވަނީ ފޮރެންސިކް ޓީމަކާއި އެސްއޯ ފުލުހުންގެ ޓީމެކެވެ. ތިން ގަޑިއެއްހާއިރުގެ މަސައްކަތުން އެ ގެ ބަލައި ފާސްކުރުމަށްފަހު ފުލުހުން ވަނީ ބައެއް ތަކެތި އެގެއިން ނެރެގެން ގެންގޮސްފަ އެވެ. އެ ގެއިން ގެންދިޔައީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން ގެންގުޅޭ ހަރުދާހުގެ ދެ ކޮތަޅަށް ބައެއް ތަކެތި ލައިގެން ފުލުހުން އެ ގެއިން ނުކުތްތައް އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

މިއަދު އިރުއޮއްސުނު ވަގުތު މ. އައްޒާމުގެ ބަލައި ފާސްކޮށް ނިންމިއިރު، އެ ސަރަހައްދުގެ ބޭރުގައި ފުލުހުން ފޯރިމަރަމުންދިޔަ އެވެ. ނަމަވެސް އެ ސަރަހައްދުގެ މަގުތައް ހުރީ ހުޅުވާލާފަ އެވެ. ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލުމުގެ ތަހުގީގަށް މިހާތަނަށް ފުލުހުން ވަނީ ގިނަ ތަންތަން ބަލައި ފާސްކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއްޔެ ވިދާޅުވެފައި ވަނީ ބަލައިފާސްކުރި ތަންތަނުން ބޮން ހެދުމަށް ބޭނުން ކުރާ އާލާތްތަކެއް ފެނިފައިވާ ކަމަށެވެ. ޗައިނާއަށް ކުރެއްވި 11 ދުވަހުގެ ދަތުރުފުޅަށްފަހު، ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެންނެވިތަނުން އެމަނިކުފާނު ވަނީ ހައްޔަރުކޮށްފަ އެވެ. އެމަނިކުފާނު ހައްޔަރު ކުރި ދުވަހު ފުލުހުން ވަނީ އެމަނިކުފާނާ ގުޅުން ހުރި 11 ތަނެއް ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފަ އެވެ.