26 Oct 2015, 18:11
އައްޑޫ ސިޓީ ލިންކް ރޯޑުގެ މަރާމަތުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު، ލިންކް ރޯޑު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
އައްޑޫ ލިންކްރޯޑު މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ މަހުގެ ސެޕްޓެމްބަރު މަހުގަ އެވެ.
ލިންކް ރޯޑު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން މަގުގެ ނިޝާންތައް އާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެއިތުރުން މަގުގައި ސްޕީޑް ބްރޭކާސް އާއި ރިފްލެކްޓާސް ވެސް ހަރުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްއާރުޑީސީގެ އައްޑޫ ސިޓީ ސައިޓުގެ މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވީ އެ މަސައްކަތް ނިންމުމަށް ދެ ހަފްތާ ނަގާނެ ކަމަށެވެ. މަސައްކަތް ނުފެށި ގިނަ ދުވަހެއް ވެފައިވަނީ މޫސުން ގޯސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްލަ ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް އެމްއާރުޑީސީ އާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތަށް 1.3 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.