27 Oct 2015, 09:19
ގިނަ އަދަދެއްގެ ބަޑި ވަގަށް ނެގުމުގެ ތުހުމަތުގައި ސައުތު ކެރޮލީނާގެ ބްރެންޓް ނިކޯލްސަން ކިޔާ މީހަކު ހޮނިހިރު ދުވަހު ހައްޔަރު ކޮށްފި އެވެ.
ޗެސްޓާފީލްޑްގެ ކައުންޓީ ޝެރިފް ޖޭ ބްރޫކްސް، ޑަބްލިއުބީޓީވީ އާ ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ ބަޑިތައް ފެނިފައި ވަނީ ނިކޯލްސަންގެ ގެޔާއި އެގޭ ކައިރީގައި ހުރި ގުދަނަކުން ކަމަށެވެ.
"ފެނިފައިވާ ތަކެތީގެ ތެރޭގައި 150 ޗެއިންސޯއާއި، 250 އާއި 300 ދޭތެރޭ ޓެކްސިޑާމީ މައުންޓްސްއާއި، 7000އި 10،000 ދެމެދުގެ ވަގަށް ނަގާފައިވާ ހަތިޔާރު ހިމެނޭ،" ބްރޫކްސް ވިދާޅުވިއެވެ.
ބްރޫކްސް ވިދާޅުވިގޮތުގައި ވަގަށް ނަގާފައިވާ ހަތިޔާރުތަކުގެ ތެރޭގައި އެންމެ ގިނައިން ހުރީ ޝޮޓް ގަންއާއި ޝިކާރަކުރަން ބޭނުން ކުރާ ރައިފަލް އެވެ. އަދި ބެލެވޭ ގޮތުގައި ނިކޯލްސަން އަކީ ވަގަށް ނަގާފައިވާ ހަތިޔާރު ރައްކާކޮއްދޭ މީހެކެވެ. އޭނަ އަކީ ބަޑީގެ ވިޔަފާރި ކުރާ މީހެއް ކަމުގައި ނުބެލެވޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްރެންޓް ނިކޯލްސަން -- ފޮޓޯ: ޔޫނިއަން ކައުންޓީ ޝެރިފް އޮފީސް
ބަޑިތައް ވަގަށް ނަގާފައިވަނީ ނޯތު ކެރޮލީނާގެ ގެތަކާއި ޝިކާރަކުރާ ކްލަބްތަކުން ކަމަށް ލަފާކުރެވެއެވެ. ނިކޯލްސަންގެ ގެ ހުންނަނީ ނޯތު ކެރޮލީނާގެ ބޯޑަރު ކައިރީގައެވެ.
އެ ގެއިން އިތުރަށް ފެނިފައިވާ ތަކެތީގެ ތެރޭގައި ދުނިދަނޑިއާއި، ވަޒަން އަދި އެއާ ކޮމްޕްރެސަރު ހިމެނެއެވެ. އެ ގެޔާއި ގުދަނުގައިވާ ހުރިހާ އެއްޗެއް ގެންގޮސްފައިވަނީ 40 ފޫޓްގެ ޓްރެކްޓާ ޓްރެއިލާ އެއްގައެވެ.
މިދިޔަ ހަފްތާގައި ނިކޯލްސަންގެ މައްޗަށް ވަނީ އޮޕިއަމް އާއި ހެރޮއިން ވިއްކިކަމަށް ވެސް ތުހުމަތު ކުރެވިފައެވެ. އޭނާ ވަގަށް ނެގި ކަމަށް ރިޕޯޓް ކޮށްފައިވާ ޗެއިންސޯއަކާއި ވެލްޑާއެއް އެގެއިން ފެނިފައިވަނީ މި ކޭސްއާ ގުޅިގެން އޭނާގެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ވެއެވެ.
ނިކޯލްސަން އަކީ ގިނަ އަދަދެއްގެ ކުށުގެ ރިކޯޑުތައް އޮތް މީހެއް ކަމަށްވެސް ކައުންޓީ ޝެރިފް ޖޭ ބްރޫކްސް ވިދާޅުވި އެވެ.