އިސްލާމް އާބާދު (އޮކްޓޯބަރު 26) : ޕާކިސްތާނުގެ އުތުރާއި އަފްޣާނިސްތާނުގެ އިރުއުތުރު ހިމެނޭގޮތަށް މިއަދު މެންދުރު ފަހު އައި ބާރުގަދަ ބިންހެލުމުގައި އެދެގައުމުން ވެސް އެތަށް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ އެވެ.
އަފްޣާނިސްތާނުގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެގައުމުގެ ބާދަޚްޝާން ސަރަހައްދުގެ އެތަށް ގެއެއް ވެއްޓި ގަސްތައް ވެއްޓި ބިންގަނޑު ކަނޑައިގެންގޮސްފައިވާ އިރު 13 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި މަރުވި މީހުންގެ އަދަދު މިއަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވޭކަމަށް ވެސް އަފްޣާނިސްތާނުން ބުނެ އެވެ. ޕާކިސްތާން ބުނާގޮތުން މިހާތަނަށް 17 މީހުން މަރުވެ 150 މީހުން ޒަޚަމްވެ ބައެއްމީހުން ގެއްލިފައިވެ އެވެ. އަދި ޕާކިސްތާނުގެ އުތުރުގެ ބައެއް ވިލެޖްތަކުގެ ގެތައްވަނީ ވަރަށްބޮޑަށް ހަލާކުވެފަ އެވެ.
މިބިންހެލުމުގެ ބާރު ރެކްޓަރ މިންގަނޑުން 7.7 އަށް އަރާ ކަމަށާއި ބިންހެލުން އައީ ބިމުގެ އަޑިން 196 ކިލޯމީޓަރުގެ ފުނަށްކަމަށް ބިންހެލުންތަކާ ބެހޭ ދިރާސާތައްކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިދާރާ އިން ބުނެ އެވެ. މިމަރުކަޒު ބުނާ ގޮތުން މިބިންހެލުމުގެ މަރުކަޒުހުރީ އަފްޣާނިސްތާނުގެ އިރު އުތުރުގެ ރަށެއް ކަމަށްވާ ފާއިޒް އާބާދާ 82 ކިލޯ މީޓަރު ދުރުގައިވާ ފަރުބަދަމަތީ ސަރަހައްދެއްގެ ބިމުގެ އަޑީގަ އެވެ. މިއީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ހިސާބެވެ. ފާއިޒް އާބާދަކީ އަފްޣާނިސްތާނުގެ ބާދަޚްޝާން ސަރަހައްދުގެ ވެރިރަށެވެ. މިއީ އުސް ފަރުބަދަތައް ހުންނަ ސަރަހައްދެކެވެ.

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅިފައިވާ ފަރުބަދަ މަތީ ސަރައްދުތަކަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ސަރަހައްދުތަކެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕާކިސްތާނުގެ ބަލޫޗިސްތާން ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި 500 މީހުން މަރުވެފައިވާ އިރު 2005 ގައި އަފްޣާނިސްތާނާއި ޕާކިސްތާނާއ ނޭޕާލާއި އިންޑިއާ ހިމެނޭ ގޮތަށްއައި ބާރުގަދަ ބިންހެލުމެއްގައި 80 ހާސްމީހުން މިހަތަރު ގައުމުން މަރުވެފައިވެ އެވެ. ޕާކިސްތާނުގެ އުތުރާއި އަފްޣާނިސްތާނުގެ އިރުއުތުރު ހިމެނޭގޮތަށް މިއަދު އައި ބިންހެލުމުގެ ލޮޅުންގަނޑު އިންޑިޔާގެ އުތުރުގެ ސަރަހައްދުތަކަށާއި ވެރިރަށް ނިއުދިއްލީގެ އިތުރުން ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދު، ސަރުގަދާ، މަލަކަންދު، އަދި ސުވާތަށް އެރިކަމަށް ސައިސްމޮލޮޖީއާ ބެހޭ އެދެގައުމުގެ މަރުކަޒުތަކުން ބުނެ އެވެ.

މިއަދުގެ ބިންހެލުން އައީ ބިމުގެ ވަރަށްފުނަށް ކަމަށްވާތީ ބިންހެލުމުގެ އަސަރު ބިންމަތީގައިވާ އިމާރާތްތަކަށް ކުރާމިންވަރު ކޮންމެވެސް ކުޑަވާނެ ކަމަށް ތަޖްރިބާކާރުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. މިދިޔަ އެޕްރީލް މަހު ނޭޕާލަށް ބާރުގަދަ ބިންހެލުމެއް އައިސް 10 ހާސްމީހުން މަރުވެފައިވެ އެވެ. (ރޮއިޓާސް)