31 Mar 2011, 11:20
ހދ. މަކުނުދޫގައި ދިރިއުޅޭ އިންޑިއާގެ އަންހެނަކު ރޭޕް ކޮށްލި ކަމުގެ ތުހުމަތުގައި އެ ރަށުން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުސް ސަބް އިންސްޕެކްޓަރު، އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އިންޑިޔާ އަންހެންނެއްގެ އިތްފަތް ފޭރުމުގެ ތުހުމަތުގައި އިއްޔެ ރޭ މަކުނުދޫން 34 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ޝިޔާމް ނުދެއްވަ އެވެ.
ރޭޕް ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ރޭޕްކުރި ކަމަށް ބުނާ އިންޑިޔާ އަންހެން މީހާއާ ބެހޭ ގޮތުން ޝިޔާމް ވިދާޅުވީ "އެއީ ބޮޑު އަންހެނެއް" ކަމަށެވެ.
މަކުނުދޫ ރަށު ކައުންސިލުން ބުނީ ތިން އަހަރު ކުރިން ފެށިގެން އެރަށު މީހަކާ ކައިވެނިކޮށް ދެ ކުދިން ލިބިފައިވާ އެ އަންހެން މީހާ ރޭޕްކުރީ އިއްޔެ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ފެންލައިޓް ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަބަދުވެސް ރީތިވެގެން ހުންނަ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނާ ދެ ދިވެހިން ހައްޔަރު ކުރުމުގެ އިތުރުން އެ މައްސަލަ އާއި ގުޅިގެން އެ ރަށުގައި ދިރިއުޅޭ ބަންގްލަދޭޝް މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެމީހާ ގެންގޮސްފައި ވަނީ މީގެ ކުރިން ވެސް ރޭގަނޑު ރަށުގެ އަންހެވެރިން ގާތަށް ވަންނަ ކަމަށް ޝައްކު ކުރެވިފައި އޮތުމުން މި މައްސަލައިގައި ވެސް އޭނާގެ އަތެއް އޮވެދާނެ ކަމަށް ބަލައިގެނެވެ. ނަމަވެސް މިހާރު އެމީހާ ވަނީ ދޫކޮށްލާފަ އެވެ.
މަކުނުދޫ ކައުންސިލަރަކު ވިދާޅުވީ ރޭޕް، ހާދިސާއާ ގުޅިގެން ރަށުގެ އަންހެންވެރިން ނުކުމެ އެކަށީގެންވާ ގޮތުގައި އަންހެނުންގެ ހައްގުތައް ހޯދައި ހިމާޔަތް ކޮށްދިނުމަށް އެދި ރަށު އޮފީސް ކުރިމަތީ އިއްޔެ ޝުއޫރު ފާޅުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެރަށުގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކޮށްދިނުމަށް ވެސް އެ މީހުން ގޮވައިލި އެވެ.
ރޭޕްކުރި އިންޑިޔާ އަންހެން މީހާގެ ފިރިމީހާ މަސައްކަތް ކުރަނީ މާލޭގަ އެވެ.