ކާބުލް، އަފްޣާނިސްތާން- އަފްޣާނިސްތާނުގެ އުތުރުން ފަރުބަދަ މަތީ ހިސާބުގަޑެއް ކަމަށްވާ، ހިންދު ކުޝް ސަރަހައްދަށް ރިކްޓަރ މިންގަޑުން 7.7ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މިއަދު މެންދުރު ފަހު އައި ބާރުގަދަ ބިންހެލުމުގެ އަސަރު އަފްޣާނިސްތާނަށާއި ޕާކިސްތާނަށާއި އަދި އިންޑީއާއަށް ވެސް ކޮށްފައި ވާކަމަށް އޭޕީ ނިއުސްއިން ރިޕޯޓްކޮށްފައި ވެއެވެ.

ޕާކިސްތާނުގެ ޖިއޯ ނިއުސްއިން ބުނީ، ބިންހެލުމުގެ އަސަރު ލާހޫރު، އިސްލާމް އާބާދު، ސަރުގޮދާ، މަލަކަންދު، ޕިޝާވަރު އަދި ސުވާތުގެ އިތުރުން އެހެން ސަރަހައްދުތަކަށް ވެސް ކޮށްފައި ވާ ކަމަށެވެ. އަދި ބިންހެލުމުގެ ސަބަބުން ޕާކިސްތާނުން މިހާތަނަށް 38 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ޖިއޯއިން ރިޕޯޓުކޮށްފައި ވެއެވެ.

ޖިއޯ ނިއުސްއިން ބުނީ، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޕިޝާވަރުންގައި ޒަޚަމްވީ މީހުންގެ އަދަދު 100އަށް ވުރެ ގިނަކަމަށެވެ.

އޭޕީ އިން ރިޕޯޓުކޮށްފައި ވާ ގޮތުގައި ބިންހެލުމުގެ ލޮޅުން އެރުމާއެކު، އަފްޣާނިސްތާންގެ ތަޚާރު ޕްރޮވިންސްގެ އަންހެންކުދީންގެ މަދަރުސާއަކުން ކުދީންތައް ނުކުންނަން މަސައްކަތްކުރި ވަގުތު ފިތި ބާރުވެގެން އެތަނުން 12 ކުއްޖަކު ވަނީ މަރުވެފައެވެ. އަދި އެ ހާދިސާގައި ޒަޚަމްވި އިތުރު 30 ކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދާ ކަމަށްވެސް އޭޕީން ބުނެފައި ވެއެވެ.

ބާރުގަދަ ބިންހެލުމާއެކު އެރި ލޮޅުން 45 ސިކުންތެއްހާއިރަށް ދެމިގެން ދިޔައިރު، އަފްޣަންގެ ވެރިރަށް ކާބުލްއާއި އަދިވެސް ގިނަ ސަރަހައްދުތަކަކުން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ކެނޑިފައިވާ ކަމަށް ވެއެވެ.

ބިންހެލުން އައި ސަރަހައްދު

އެމެރިކާގެ ޖިއޮލޮޖިކަލް ސާވިސްއިން ބުނެފައި ވަނީ، 7.7 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލު އައިސްފައިވަނީ، ތަޖިކިސްތާނާއި ޗައިނާއާ ބޯޑަރު ސަރަހައްދުން ގުޅޭ، އަފްޣާންގެ ބަދަޚްޝާންއާ 213 ކިލޯމީޓަރު ދުރުން، 73 ކިލޯ މީޓަރު ބިމުގެ އަޑިއަށް ކަމަށެވެ.

ބިންހެލުމުގެ ސަބަބުން ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުން އިމާރާތްތަށް ވެއްޓިފައިވާއިރު، އެތަންތަނުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ރެސްކިއުޓީމުތަކުން ދަނީކުރަމުންނެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އިމާރާތްތަކަށް ވެސް ބިންހެލުމުގެ ލޮޅުން ދެ މިނިޓެއްހާއިރަށް ދެމިގެންދިޔަކަމަށް ވެއެވެ. ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ، ބިންހެލުމާގުޅިގެން ރެސްކިއު އޮޕަރޭޝަންތައް ވަގުތުން ފެށުމަށް އެގައުމުގެ އަސްކަރިއްޔާއަށް އަމުރުކުރައްވައިފައެވެ.

ޕާކިސްތާން ހިމެނޭ ސަރަހައްދަށް ދޭތެރެ ދޭތެރޭންއިން ބިންހެލުންތައް އަންނައިރު، 2013 ވަނަ އަހަރު ޕާކިސްތާނުގެ ބަލޮޗިސްތާނަށް އައި 7.7 މެގްނެޓިއުޑްގެ ބިންހެލުމުގައި 800އަށް ވުރެ ގިނަމީހުން މަރުވެފައި ވެއެވެ. އަދި 2005 ވަނަ އަހަރު ޕާކިސްތާނަށް އައި 7.6 މެގްނެޓިއުޑްގެ ބިންހެލުމުގައި 73،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ ބިންހެލުމާ ގުޅިގެން 3.5 މިލިއަން މީހުންގެ ގެދޮރުގެއްލިފައި ވެއެވެ.