އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ބޮޑު ޕްރޮޖެކްޓް ނިމުމުން އެއާޕޯޓުން 'ވޯލްޑް ކްލާސް' ހިދުމަތް ލިބޭނެ ކަަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ އެއާލައިނެއް ކަމަށްވާ ސިލްކުއެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން މިއަދު އެއާޕޯޓްގެ ވީއައިޕީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓްގެ ތަރައްގީ ކުރުމަށް ހިންގާ ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެއްމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ.

"އެއާޕޯޓްގެ ތަރައްގީއާ އެކު އެއާލައިންތަކާއި ކުންފުނިތަކާއި ޓޫއަރިޒަމް ސެކްޓާތަކަށް ދެ ރަންވޭ އާއި ވޯލްޑް ކްލާސް ހިދުމަތްތައް ދެވޭނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ވެގެން ދާނީ މި ރީޖަންގެ އެންމެ ފުރިހަމަ އެއާޕޯޓަށް ކަަމަށް ސައީދު ވިދާޅުވި އެވެ.

ރާއްޖެ އަކީ އަގުބޮޑު މަންޒިލެއް ކަމުގެ ޝަކުވާ ބައެއް ފަހަރު ކުރާ ކަމަށާއި އެހެންނަމަވެސް ގެސްޓް ހައުސް ވިޔަފާރިއާ އެކު އަގު ހެޔޮކޮށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުުރުމުގެ ފުރުސަތު ހުޅުވިފައި އެބައޮތް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި މީގެ ސަބަބުން އެއާލައިންތަކަށް ވެސް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސިލްކު އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު އެ އެއާލައިންގެ ރީޖަނަލް މެނޭޖަރަށް މަރުހަބާ ދަންނަވަނީ -- ސަން ފޮޓޯ

އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ފަސް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށާއި އޭގެ ތެރޭގައި ދެވަނަ ރަންވޭ އާއި ތެޔޮ ފާމުގެ އިތުރުން ޓާމިނަލް އެތައް ގުނައަކަށް ބޮޑުކުރުން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މަޝްރޫއަކީ 700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސިލްކު އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުން އެ އާލައިނަށް މަރުހަބާ ވިދާޅުވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޮޑެތި އެއާލައިންތަކުން ކުރާ ދަތުރުތަކުގެ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭ ނަމަ އެއާލައިންތަކުން އެކަމާ ވިސްނަން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ރާއްޖެ އަކީ ޓޫރިޒަމްގެ އެންމެ މައްޝޫރު ބްރޭންޑްތައް ގިނަ ގައުމަށްވެފައި ރާއްޖެ އަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ޓުއަރިސްޓުން އަންނާތީ ކަަމަށެވެ.