ލަންޑަން : ލީބިޔާގެ ޚާރިޖީ ވަޒީރު މޫސާ ކޫސާ މަޤާމުން އިސްތިއުފާދެއްވައި އިނގިރޭސިވިލާތަށް ވަޑައިގެންފި

އިނގިރޭސި ސަރުކާރުން އިއްޔެ ބުނި ގޮތުގައި މޫސާ ވަނީ ލަންޑަނަށް ވަޑައިގެން ގައްޒާފީގެ ސަރުކާރު ތަމްޘީލް ކުރައްވަން ބޭނުންނުވާ ކަމަށް ވިދާޅުވެ މަޤާމުން އިސްތިއުފާދެއްވައި ގައްޒާފީގެ ސަރުކާރާ ވަކިވެ ވަޑައިގެންނެވިކަން އިޢްލާން ކުރައްވައި އިނގިރޭސިވިލާތުގެ ސިޔާސީ ޙިމާޔަތަށް އެދި ވަޑައިގެންފަ އެވެ.

ޢުމުރުފުޅުން 76 އަހަރުގެ މޫސާ ލަންޑަނަށް ވަޑައިގެންނެވީ އެއްގަމުމަގުން ތޫނިސްތަށް ވަޑައިގަތުމަށް ފަހު ތޫނިސްއިން ލަންޑަނަށް ދަތުރުކުރި ސްވިސް އެއާގެ ފްލައިޓެއްގަ އެވެ. މޫސާއަކީ ގައްޒާފީގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ގައްޒާފީގެ ވެރިކަމުގެ ނިޒާމުގައި ވަރަށް އިސް މަޤާމްތަކެއް އަދާކުރައްވާފައިވާ ވަރަށް ތަޖްރިބާކާރު ބޭފުޅެކެވެ. މޫސާ އެންމެ ގިނަ ދުވަހު އަދާކުރައްވާފައި ވަނީ ލީބިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަޤާމެވެ.

އިނގިރޭސިވިލާތުގެ ކުވިލިޔަމް ރީސާޗް ސެންޓަރުގައި މަސައްކަތްކުރައްވާ ލީބިޔާގެ ރީސާޗަރެއް ކަމަށްވާ ޑޮކްޓަރު ނުޢްމާން ބިން ޢުޘްމާން ވިދާޅުވި ގޮތުގައި މޫސާ ކޫސާ ގައްޒާފީގެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަމުން އިސްތިއުފާދެއްވީ ގައްޒާފީ ވެރިކަން ދެމެހެއްޓުމަށްޓަކައި ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުން ދެމުންގެންދާ ޙަމަލާތަކަށް ކެތްނުކުރެއްވިގެންނާއި އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ.

މޫސާ ގެންދަވަނީ ގައްޒާފީގެ ސަރުކާރުގައި މިހާރު ތިއްބެވި އިސްބޭފުޅުންނަށް ވެސް އެ ސަރުކާރާ ދުރަށް ވަޑައިގަތުމަށް ނަސީޙަތްތެރިވަމުން ކަމަށް ޑޮކްޓަރު ނުޢްމާން ވިދާޅުވި އެވެ.

ލީބިޔާ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގައި ބައިވެރިވާ ކަމަށްބުނެ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ ލީބިޔާގެ މަސްއޫލުވެރިންގެ ލިސްޓްގައި މޫސާ ކޫސާ ގެ ނަން ހިމެނިފައެއް ނުވެ އެވެ.

މޫސާ ކޫސާ ގައްޒާފީގެ ސަރުކާރުން ވަކިވެއްޖެ ކަމަށް ބުނާ ޚަބަރުތައް ގައްޒާފީގެ ސަރުކާރުގެ ތަރްޖަމާން މޫސާ އިބްރާހީމް ވަނީ ދޮގުކުރައްވާފައެވެ. މޫސާ އިބްރާހީމް ވިދާޅުވީ މޫސާ ކޫސާ ޤައުމުން ބޭރަށް ވަޑައިގެން އުޅުއްވަނީ ޑިޕްލޮމެޓިކް މަސައްކަތްޕުޅެއްގައި ކަމަށާއި އޭނާ އަދިވެސް ހުންނެވީ ލީބިޔާގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމުގައި ކަމުގައެވެ. (ރޮއިޓާސް)