ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ބިލް އަލުން މުރާޖާ ކުރުމުގެ ގޮތުން އަނބުރާ ކޮމެޓީއަށް ފޮނުވައިފި އެވެ.

އެ ބިލު އަލުން އަނބުރާ ކޮމެޓީއަށް ފޮނުވާލީ އެގޮތަށް މިއަދުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުމުން އެ ހުށަހެޅުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ތާއީދު ކުރެއްވުމުން ނެވެ.

މިއަދުގެ ޖަލްސާގައި އެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާލީ 55 މެމްބަރުންގެ ވޯޓުން ނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ 8 މެމްބަރަކު ތިއްބެވި އެވެ.

އެބިލަކީ 1990 ވަނަ އަހަރުން ފެށިގެން މިހާރު އަމަލުކުރަމުން އަންނަ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި ޒަމާނަށް ފެތޭ ގޮތަށް އެކުލަވާލާފައިވާ ބިލެކެވެ.

ރައީސް އޮފީހުން ބުނީ އެ ބިލަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ޒަމާނާ އެއްގޮތްވާ ގޮތުގެ މަތިން ޓެރަރިޒަމްގެ އަމަލުތައް މަނާކުރުމާއި ކުށްވެރިކުރުމާއި އަދި އެފަދަ އަމަލުތައް ހުއްޓުވުމުގެ ގޮތުން ޚާއްސަ އިޖުރާއަތްތަކެއް ކަނޑައަޅާފައިވާ ބިލެއް ކަމަށެވެ.

އާންމުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމުގެ ގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިނިވަންކަމާއި ހައްގުތައް ހިފެހެއްޓުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ހިފަހައްޓައި އެފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އުސޫލުތައް އެ ބިލްގައި ވަނީ ހިމަނާފަ އެވެ.