26 Oct 2015, 13:53
ނޭޝަނަލް ޑުރަގު ކޮންޓުރޯލް ކައުންސިލަށް (އެންޑީސީސީ) މިނިސްޓަރުންގެ ބަދަލުގައި މިނިސްޓަރުންގެ ނައިބުން އައްޔަން ކުރެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.
އެ އިސްލާހު އެގޮތަށް ފާސްކުރީ 48 މެމްބަރުންގެ ވޯޓުން ނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ 13 މެމްބަރުން ތިއްބެވި އެވެ.
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހަޅާފައިވާ އެ އިސްލާހުގައި ބުނެފައި ވަނީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ)ގައި ހިމެނޭ ވަޒީރުންގެ ބަދަލުގައި ބައެއް ވުޒާރާތަކުން، މިނިސްޓަރު ފޯ ސްޓޭޓް ނުވަތަ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި ހުރި ފަރާތެއް އައްޔަންކުރެވޭނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ނޭޝަނަލް ޑުރަގު ކޮންޓުރޯލު ކައުންސިލެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އެކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކޮންމެ ވުޒާރާއަކުން ވަޒީރެއް އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.