26 Oct 2015, 14:42
އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ)ގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީ ފީފާގެ ރައީސްކަމަށް ކުރިމަތި ލައްވައިފި އެވެ.
ބަހްރެއިންއަށް ނިސްބަތްވެ ވަޑައިގަންވާ ސަލަމާން ފީފާގެ ރައީސް ކަމަށް ކުރިމަތި ލެއްވުމަށްޓަކައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފީފާގެ މަރުކަޒީ އިދާރާއަށް އިއްޔެ ފޮނުއްވާފައިވާކަމަށް ބަހްރެއިންގެ ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.
ފީފާގެ އިންތިޚާބަށް ސަލްމާން ކުރިމަތި ލެއްވިއިރު، ފީފާގެ އިންތިޚާބުގައި ޝައިޚް ސަލްމާން ކުރިން ހުންނެވީ ވާދަ ނުކުރައްވައި ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓްނީއަށް ތާއިދު ކުރައްވާ ގޮތަށް ނިންމަވާފައެވެ.
ނަމަވެސް ފީފާގެ އެތިކްސް ކޮމިޓީން މިމަހު ކުރީ ކޮޅު ވަނީ ޕްލެޓިނީ 90 ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައެވެ.
ފީފާގެ އިންތިޚާބުގައި ޝެއިޚް ސަލްމާނާ ވާދަ ކުރައްވާނެ އެއްބޭފުޅަކަށް ވާނީވެސް އޭޝިއާގެ ކެނޑިޑޭޓެކެވެ. އެއީ ފީފާގެ ކުރީގެ ނައިބުރައީސް އުރުދުންގެ ޕްރިންސް ޢަލީ ބިން ހުސައިންނެވެ. އޭނާ ވަނީ އިންތީޚާބަށް ފޯމު ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ފީފާގެ އިންތީޚާބުގައި ދެން ވާދަ ކުރައްވާނީ ދެކުނު އެފްރީކާގެ ސިޔާސީ ބޭފުޅެއް ކަމަށް ޓޯކިޔޯ ސެކްސްވޭލްއެވެ.
ދެން އިންތީޚާބުގައި ވަދަކުރައްވާފައިވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޑޭވިޑް ނެކޭޑެވެ. އޭނާވެސް ވަނީ އިންތީޚާބުގައި ވާދަ ކުރައްވަން ފޯމް ހުށަހައްޅުއްވައިފައެވެ.
ބްރަޒިލްގެ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ޒިކޯވެސް ވަނީ އިންތީޚާބުގައި ކުރިމަތި ލައްވަން ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އޭނާ އިންތިޚާބުގައި ކުރިމަތި ލައްވަން ފޯމް ހުށަހެއްޅުވި ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ފީފާގެ އިންތީޚާބަށް ކުރިމަތި ލުމުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ.
ފީފާގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ، މިއަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ފީފާގެ ރައީސްކަމަށް ފަސް ވަނަ ދައުރަކަށް އިންތިޚާބުވި ސެފް ބްލެޓާ ރައީސްކަމަށް އިންތިޚާބުވިތާ ހަތަރު ދުވަސްފަހުން ޖޫން މަހުގެ ދެ ވަނަ ދުވަހު އިސްތިއުފާ ދޭން ނިންމެވުމުންނެވެ.
ފީފާގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 26 ވަނަ ދުވަހުއެވެ.