26 Oct 2015, 13:58
މީހުން ތަމްރީނުކުރުމާއި މަސްތުވާތަކެތިން މީހުން ދުރުކުރުމުގެ މަޝްރޫއެއް ހިންގަން އިޓަލީގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ކަރިޓަސް އިޓާލިއާނާ އިން އެހީ ދިނުމަށް އެއްބަސްވެފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
އެ މަޝްރޫއަށް ކަރިޓަސް އިޓާލިއާނާއާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 3 މާޗް 2010ގަ އެވެ. އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެ ޖަމާއަތުން އެއްބަސް ވުމުން މިހާރު މަޝްރޫއު ނިންމަން ކަނޑައަޅާފައި ވަނީ 30 ޖޫން 2017 އަށެވެ.
އެ ޖަމާއަތާއެކީ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި 2013 ވަނަ އަހަރު ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ނިޔޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓަކާއި މާލޭގައި ދަމަނަވެށި ގާއިމްކޮށް ވަނީ ހިދުމަތްދޭން ފަށައިފަ އެވެ.
އޭގެ އިތުރުން މިއަހަރު ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެޓާނިޓީ ވެއިންޓިން ހޯމް ނުވަތަ އުފަން ހިޔާ އަދި ހުޅުމާލޭގައި ހާފްވޭ ހައުސްއެއް ވެސް ވަނީ ހުޅުވައިފަ އެވެ.
އޭގެ އިތުރުން އެ މަޝްރޫގެ ދަށުން މާބަނޑު މީހުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ތަމްރީނުކޮށްފައިވާ އިރު، ދެ ބަޔޯމެޑިކަލް އިންޖީނިއަރުން މިހާރު ދަނީ މި މަޝްރޫގެ ދަށުން ތަމްރީނު ކުރަމުންނެވެ.
ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އެ ހިދުމަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުން ފުރިހަމައަށް ހިފާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން އެ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.