ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށް، ސޮއި ހޯދަން ފަށައިފި އެވެ.

ސަން އާ ވާހަކަ ދެއްކެވި ޕީޕީއެމްގެ މެމްބަރު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ދެންމެ ވިދާޅުވީ މިއަދު ބޭއްވި، ޕީޕީއެމް، އެމްޑީއޭގެ ޕާލަމެންޓް ގްރޫޕްގެ ބައްދަލުވުމަކުން އެ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެ ދެ ޕާޓީގެ 40 މެންބަރުން ބައިވެރިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ނާއިބު ރައީސް އަދި ޕީޕީއެމްގެ ވެސް ނާއިބު ލީޑަރު އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް މެމްބަރުން ސޮއިކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ލިޔުމުގައި އެ ދެ ޕާޓީގެ އިސް ބޭފުޅުން މިހާރު ސޮއިކުރައްވާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތެވެ.

ސަރުކާރު ކޯލިޝަންގައި 49 މެމްބަރުން ހިމެނެ އެވެ.

ޕީޕީއެމް އާއި އެމްޑީއޭގެ އިތުރަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވެސް ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެ ޕާޓީގައި 11 މެންބަރުން ތިއްބަވަ އެވެ.

ޕީޕީއެމްގެ 43 މެމްބަރުން ތިއްބަވަ އެވެ. އަދި އެމްޑީއޭގައި ފަސް މެންބަރުން ތިއްބަވާ އިރު، ޖޭޕީގައި 11 މެމްބަރުންނެވެ. އެ ތިން ޕާޓީގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 59 މެންބަރުންނެވެ.

ނައިބު ރައީސް އަދީބުގެ މައްޗަށް އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް ސަރުކާރު ހިންގާ ކޯލިޝަނުން ނިންމާފައި މިވަނީ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލައާ ގުޅިގެން ނައިބު ރައީސް ހައްޔަރުކޮށްފައިވަނިކޮށެވެ. އެމަނިކުފާނުގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އަދީބު ނައިބު ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު އެމަގާމުން ވަކިކޮށްފައިވަނީވެސް އިތުބާރުނެތް މައްސަލައެއް މަޖިލީހަށް ހުށައަޅައިގެންނެވެ.