ކުޑައިރު ނޭނގި އިންޑިއާގެ ބޯޑަރު ހުރަސް ކުރެވުމުން 13 އަހަރު ވަންދެން ޕާކިސްތާނުގައި އުޅެން ޖެހުނު ގީތާ މިއަދު އެނބުރި އޭނާގެ އާއިލާއާ ބައްދަލުކުރުމަށް އިންޑިއާ އަށް ހިނގައްޖެ އެވެ.

ވާހަކަދެއްކުމާއި އަޑުއެހުމުން މަހުރޫމު ވެފައިވާ ގީތާ އޭނާގެ އާއިލާ ދެނެގެންފައި ވަނީ ފޮޓޯ އަކުންނެވެ.

ބޯޑަރު ހުރަސް ކުރެވުނު އިރު ގީތާގެ އުމުރުން 11 ވަރަކަށް އަހަރެވެ. ބޯޑަރު ހުރަސް ކުރިގޮތް ކަށަވަރު ނުވި ކަމުގައި ވިޔަސް ގީތާ އަތުގެ ހަރަކާތުން ދައްކާ ގޮތުގައި ބާރުގަދަ ގޮވުމެއް އަޑު އިވުމުން އޭނާ ދުއްވައިގަތީ އެވެ. އޭގެ ފަހުން ހަތިޔާރު އަޅާފަތިބި ބަޔަކު ގީތާ ހިފެހެއްޓީ އެވެ.

އެންމެ ފުރަތަމަ ގީތާ ބެހެއްޓީ ލާހޯރުގެ ކުޑަކުދިންގެ ހިޔާއެއްގައި ފާތިމާގެ ނަމުންނެވެ. އޭނާ އައީ އިންޑިއާ އިން ކަމަށް އެހެން މީހުންނަށް ގީތާ ބުނެދިނީ އިންޑިއާގެ މެޕަކުން ދައްކައިގެންނެވެ.

އޭގެ ފަހުން ގީތާ ބަލަހައްޓާފައި ވަނީ އެދީ ފައުންޑޭޝަނުންނެވެ. މިއަދު ހެނދުނު ގިތާ ކަރާޗީ އިން ނިއު ދިއްލީ އަށް ގޮސްފައި ވަނީ އެދީ ފައުންޑޭޝަންގެ މެންބަރުންނާ އެއްކޮށެވެ.

އިންޑިއާގައި ގީތާ ބައްދަލު ކުރާނީ ބިހާރުގެ އާއިލާއަކާ އެވެ. އެއީ ޕާކިސްތާނުގައި ހުރި އިންޑިއަން ހައި ކޮމިޝަނުން ފޮނުވައިފާ ފޮޓޯތަކުން ގީތާ އޭނާގެ އާއިލާ ކަމުގައި ފާހަގަ ކުރި އާއިލާ އެވެ.

ފައިސަލް އެދީ، އެދީ ފައުންޑޭޝަންގެ ވެރިޔާގެ ދަރިފުޅު ބުނީ އެ އާއިލާއަކީ ގީތާގެ އާއިލާތޯ ބެލުމަށް ޓަކައި ޑީއެންއޭ ޓެސްޓް ކުރާނެ ކަމަށެވެ. އަދި ޑީއެންއޭ ދިމާނުވާ ނަމަ އަސްލު އާއިލާ ފެންނަން ދެން ހޯދާނެ ކަމަށެވެ. އެދީ ވަނީ އިންޑިއާ އާއި ޕާކިސްތާނުން ގީތާ އަށް ވެދީފައިވާ އެހީއަށް ޝުކުރު އަދާ ކޮށްފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައިވާ ދީނީ ދެބަސްވުންތަކުގެ ސަބަބުން ދެ ގައުމުގައި ބައިބައިވެފައިވާ އެތައް އާއިލާތަކެއް ވެއެވެ. ގީތާގެ ވާހަކައަށް އިތުރު ސަމާލުކަން ލިބިގެންދިޔައީ މިފަދަ ވާހަކައަކަށް ނިސްބަތްކޮށް މިއަހަރު ނެރެފައިވާ ފިލްމަކުންނެވެ. ސަލްމާން ޚާން އުޅޭ "ބަޖްރަންގީ ބައިޖާން" އަކީ އިންޑިއާ މީހަކު ޕާކިސްތާނުގެ ވާހަކަ ނުދެއްކޭ ކުއްޖަކު އޭނާގެ އާއިލާ އަށް އަނބުރާ ގެންދިޔުމަށް ކުރާ ދަތުރެއްގެ ވާހަކަ އެވެ. މި ވާހަކަ އާއި ގީތާއާ އެއްވެސް ގުޅުމެއް ނެތެވެ.