ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި ތަހުގީގަށް ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކުރުމަށްފަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ އިއްޔެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައަކީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ ހައްޔަރުކުރި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ނައިބު ރައީސް ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ތަންތަން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފައެވެ.

އެ އޮޕަރޭޝަންގެ ދަށުން އެފްއޭއެމްގެ ނޮމިލައިޒޭޝަން ކޮމެޓީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) ދިރިއުޅޭ ގެ ބަލައި ފާސްކޮށް އެގެއިން ވެސް މީހަކު ހައްޔަރުކުރިއެވެ.