26 Oct 2015, 12:56
ކޮންގޯގެ މިހާރުގެ ރައީސް ޑެނިސް ސަސޯ ނުއޭސް އަށް މިއަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާނޫނީ ގޮތުން ވާދަކުރެއްވޭނެ ގޮތް ހެދުމަށްޓަކައި އިއްޔެ އެގައުމުގައި ބޭއްވި ރެފަރެންޑަމް އަށް ވޯޓު ލާން ދިޔައީ މަދު ބަޔަކު ކަމަށް ރޮއިޓާސްއިން ރިޕޯޓް ކޮށްފި އެވެ.
ސަރުކާރާ ދެކޮޅު ފަރާތް ތަކުންވަނީ މި އިންތިހާބް ބޯއިކޮޓް ކުރުމަށް ރައްޔިތުންނަށް ގޮވާލައިފައެވެ.
ރައީސް ޑެނިސް ސަސޯ ނުއޭސް ވަނީ ކޮންގޯގައި 31 އަހަރު ވަންދެން ވެރިކަން ކުރައްވައިފައެވެ. އަދި މި ރިފަރެންޑަމް ފާސްވެއްޖެނަމެ ރައީސް ސަސޯ ނުއޭސް އިތުރު ދައުރަކަށް ވާދަ ކުރައްވާނެއެވެ. ވެރިކަން ދެމެހެއްޓުމަށްޓަކައި މީގެ ކުރިންވެސް ކޮންގޯގެ ރައީސުން ވަނީ ގާނޫނު އަސާސީ ބަދަލް ކުރަން މަސައްކަތް ކުރައްވައިފައެވެ. މިކަމާ ދެކޮޅަށް މިދިޔަ ހަފްތާގައި ކޮންގޯގެ ރައްޔިތުން ބޭއްވި ހަޅުތާލެއްގައި ސިފައިންގެ އަތުން ވަނީ 4 މީހުން މަރުވެފައެވެ.
ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި ބައެއް ބޫތު ތަކަށް ވޯޓު ލާފައިވަނީ ހަމައެކަނި ސިފައިންނެވެ. ވޯޓުލުން ހުއްޓާލައި ވޯޓު ގުނަން ފެށީ އިއްޔެގެ ހަވީރު 6:00 ގެ ފަހުންނެވެ.
ރައީސް ޑެނިސް ސަސޯ ނުއޭސް ވަނީ އިދިކޮޅު ފަރާތްތަކުން އިންތިހާބު ބޯއިކޮޓް ކުރަން ގޮވާލުމުން ހިތާމަ ފާޅުކުރައްވައިފައެވެ.
"ކޮންގޯގެ މީހުންނަކީ މިނިވަން، އަމިއްލައަށް ވެރިން ހޮވަން އެނގޭ ބައެއް. ގައުމުގެ ރައްޔިތުންނަކީ އަމާން ކަމަށް ލޯބި ކުރާ ބައެއް ކަމުން ވޯޓު ދޭނީ އަޅުގަނޑަށް ކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ.
ކޮންގޯގެ ވެރި ރަށް ކަމަށްވާ ބްރޭޒެވިލްގެ ދެކުނުން ގިނަ ރައްޔިތުން ވަނީ ހަމަނުޖެހުން ހިނގާފާނެތީ އެހެން ސަރަހައްދުތަކަށް ބަދަލުވެފައެވެ. ބައެއް ރައްޔިތުންވަނީ ވޯޓާސް ކާޑް ނުލިބޭ ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ. އަދި އަނެއް ބައި ރައްޔިތުންވަނީ "ނޯ" ޖަހައިފައިވާ ބެނާތައް ހިފައިގެން ރެފަރެންޑަމް އާ ދެކޮޅަށް ހަޅުތާޅުކޮށްފައެވެ.
"ބްރޭޒެވިލްއާއި ގައުމުގެ ގިނަ ސަރަހައްދުތަކުގެ މީހުން ވޯޓެއް ނުދޭ. މިއީ ސަރުކާރު ބަލިވުން،" އިދިކޮޅު ލީޑަރު ޕަސްކަލް ސަޓީ ވިދާޅުވި އެވެ.
"އޭނާ [ރައީސް ޑެނިސް ސަސޯ] ގާނޫނު އަސާސީ ބަދަލު ކުރުމަށްޓަކައި ވޯޓުތައް އިތުރުކުރާނެ. އެކަމަކު ރައްޔިތުން އެ ގާނޫނު އަސާސީ ގަބޫލެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.