31 Mar 2011, 10:33
ވޮޝިންގޓަން : އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީ.އައި.އޭ.) ގެ ޖާސޫސީ އެޖެންޓުން ލީބިޔާގައި ސިއްރިޔާތުގައ ޙަރަކާތްތެރިވަމުންދާ ކަމަށް ޚަބަރުލިބިއްޖެވެ.
ނަން ހާމަކުރަންނޭދޭ ސީ.އައި.އޭ. ގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ ނިޔުޔޯކްޓައިމްސް ބުނިގޮތުގައި ސިއްރިޔާތުގައި ލީބިޔާގެ ކަންކޮޅުތަކުގައި މިހާރު ޙަރަކާތްތެރިވާ ސީ.އައި.އޭ.ގެ އެޖެންޓުންގެ މައިގަނޑު ބޭނުމަކީ ގައްޒާފީގެ ލަޝްކަރުތަކަށާއި އަދި ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކަށްވެސް ޖާސޫސުކޮށް މިދެފަރާތާބެހޭގޮތުން އެމެރިކާއަށް ބޭނުންވާ މަޢްލޫމާތުތަކެއް ހޯދުމެވެ.
ގައްޒާފީގެ ލަޝްކަރުތަކުން ހޯދަން ބޭނުންވާ މަޢްލޫމާތުތަކުގެ ތެރޭގައި އެލަޝްކަރުތަކުގެ ޢަސްކަރީ ޤާބިލްކަމާއި ހުޅަނގުގެ ވައިގެ ޙަމަލާތަކުން އެލަޝްކަރުތަކަށް ލިބޭ ގެއްލުންތައް ވަޒަންކުރުމާއި އެލަޝްކަރުތައް ޙަރަކާތްތެރިވާތަންތަން ފާހަގަކުރުން ފަދަ ކަންތައް ހިމެނެއެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ފަރާތުން ހޯދަންބޭނުންވާ މަޢްލޫމާތުތަކުގެ ތެރޭގައި އެހަނގުރާމަވެރިންގެ ތެރޭގައި އަލްޤާއިދާއަށް ނިސްބަތްވާ މީހުންނާއި އެމެރިކާއާ އިދިކޮޅު އިސްލާމީ ޚިޔާލުގެ މީހުން ހިމެނޭތޯ ބެލުމާއި ގައްޒާފީއާ އިދިކޮޅު ލީބިޔާގެ ސިޔާސީ ބޭފުޅުންގެ ވިސްނުމާއި އެބޭފުޅުންގެ މުސްތަޤްބަލް ރޭވުންތައް ދަނެގަތުން ހިމެނޭ ކަމަށް މިނޫސް ބުނެއެވެ.
ގައްޒާފީގެ ބާރުތަކާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ބޮޑު ދެބާރު ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި ގައްޒާފީގެ ލަޝްކަރުތައް ފުނޑުފުނޑު ކޮށްލެވެމުންދާ ކަމަށް ހުޅަނގުން ބުނިނަމަވެސް ގައްޒާފީގެ ލަޝްކަރުތައް ބަލިވަމުންދާތަން ހަނގުރާމައިގެ މައިދާނުން ނުފެންނަކަމަށް މުރާސިލުން ބުނެއެވެ.
(ނިޔުޔޯކް ޓައިމްޒް)