ސްޕެނިޝް ލަލީގާގައި ރޭ އެއިބާ ކޮޅަށް ލުއިސް ސުއަރޭޒް ޖަހައިދިން ތިން ގޯލާއި އެކު 1-3 ގެ ނަތީޖާއަކުން މޮޅުވެ ބާސެލޯނާއިން ތާވަލުގެ ދެވަނައަށް ޖެހިލައިފި އެވެ.

ބާސާގެ 'ކޭމްޕްނޯ' ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އެއިބާ އިންނެވެ.

އެ ގޯލް މެޗްގެ ދިހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަސްޓޮން ބޯޖާއެވެ.

ނަމަވެސް 21 ވަނަ މިނެޓް ގައި ރަމިރޭޒް ހުރަސް ކޮއްލި ރީތި ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ސުއަރޭޒް ވަނީ ބާސާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ބާސާގެ ދެވަނަ ގޯލް 48 ވަނަ މިނެޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން ސުއަރޭޒް ކާމިޔާބުކުރިއިރު އޭނާ ހެޓްރިކް ފުރިހަމަކުރީ 85 ވަނަ މިނެޓުގައި ނޭމާ ޕެންލަޓީއެރީ ބޭރުގައި ހުރެ ސުއަރޭޒް އަށް ދިން ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލްގެ ތިރީކަނަށް ފޮނުވާލައިގެންނެވެ.

އެ މެޗުގެ 83 ވަނަ މިނެޓުގައި ބާސެލޯނާގެ ހަވިއާ މެޝެރާނޯ، ރެފްރީއާއަށް ނިސްބަތްކޮށް އެއްޗެއް ބުނުމުން މެޗްގެ ރެފްރީ ކާލޯސް ޑިކޭރޯ ވަނީ މެޝަރާނޯއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސުއަރޭޒް އަށް ތައުރީފް ކުރަމުން ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުނީ ސުއަރޭޒަކީ ކިހާ މުހިންމު ކުޅުންތެރިއެއްކަން މިހާރު އެންމެނަށް ވެސް އެގޭނެ ކަމަށެވެ.

"ސުވަރޭޒް ގެ ފަރާތުން އެ ފެންނަނީ އެއާ މެދު އިތުރު ވާހަކައެއް ދެއްކޭ ވަރުގެ ކުޅުމެއް ނޫން. އެއަށްވުރެން މާ ފުރިހަމަ. ގޯލް އޭރިއާ ތެރެއިން ފޮނުވާލާ ބޯޅަ ގޯލަށް ނޫން އެހެން ތަނަކަށް ދިއުމުކީ ނާދިރު ކަމެއް،" ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުންޏެވެ.

ރެއާލް އާއި ބާސެލޯނާ އަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު ގޯލް ތަފާތުން އެއް ވަނައިގައި އޮތީ ރެއާލް އެވެ. ތިން ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ ރޭ ވެލެންސިއާ އަތުން 2-1 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ.