26 Oct 2015, 10:52
ސުޕެޝަލް އިކޮނޮމިކު ޒޯން (އެސްއީޒެޑް) ބޯޑުގެ ޗެއާމަނަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެސްއީޒެޑު ބޯޑުގެ މެމްބަރަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީން މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ. މުއިއްޒު އެ މަގާމަށް ހަމަޖައްސަވާފައި އެވަނީ އެ މަގާމަށް ކުރިން ހަމަޖައްސަވާފައިވާ މުހައްމަދު މަލީހު ޖަމާލު ޔޫތު މިނިސްޓަރު ކަމުން ވަކި ކުރެއްވުމާ ގުޅިގެން ނެވެ.
President appoints the Minister@EconDevMvHon.@em_saeedas the Chairman of the Board of Investment as provisioned by the#SEZAct.
— Ibrahim Muaz Ali (@SpokespersonMV)October 26, 2015
އެސްއީޒެޑު ބޯޑުގެ ޗެއާމަނަކަށް މިނިސްޓަރު ސައީދު ހަމަޖެއްސެވިއިރު ކުރިން އެމަގާމު ފުރުއްވަމުން ގެންދެވީ ނައިބު ރައީސް އަހުމަދު އަދީބު އެވެ. އަދި އޭރު މިނިސްޓަރު ސައީދު ފުރުއްވަމުން ގެންދެވީ އެ ބޯޑުގެ ވައިސް ޗެއާމަންގެ މަގާމެވެ.
President appoints the Minister of@HousingGovMvHon.@MMuizzuas the member of the Board of Investment as provisioned by the#SEZAct.
— Ibrahim Muaz Ali (@SpokespersonMV)October 26, 2015
ގައުމާ މުހާތަބު ކުރައްވާ އިއްޔެ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ހިންގުމުގައި ރައީސްގެ ދައުރު އިތުރަށް ފުޅާކުރައްވައި، ގިނަ ކަންތައްތައް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާން ނިންމަވާފައި ވާކަމަށެވެ. އެހެންކަމުން ނައިބު ރައީސް އަދީބު އަދާކުރައްވަމުން ގެންދެވި ހުރިހާ ޒިންމާތަކަކުން އެމަނިކުފާނު ދުރުއްކުރައްވާ އެކަންކަން ރައީސް ޔާމީންގެ ސީދާ ބެއްލެވެމުގެ ދަށުން ހިނގާގޮތަށް މިހާރު ވަނީ ހަމަޖައްސަވާފަ އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެސްއީޒެޑް ބޯޑު ނުވަތަ ބޯޑް އޮފް އިންވެސްޓްމަންޓްސްގައި ދެން ތިއްބަވާ ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމު އެވެ.
އެސްއީޒެޑްގެ ގާނޫނުގެ 56 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބޯޑު ޖަވާބުދާރީވާ މިނިސްޓަރަކަށް މިހާރު ހުންނެވީ މިނިސްޓަރު ސައީދު އެވެ.