މިއަހަރުގެ ދިވެހި ޕްރިމިއާ ލީގު ހޯދުމުގެ ފުރުސަތު މާޒިޔާއަށް ގެއްލިފައިވާ ކަމަށާއި ދެން މަސައްކަތް ކުރާނީ ލީގުގައި ރަނގަޅު މަގާމެއް ހޯދުންކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައި ރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ސުޒޭން ބުނީ އެންމެ ކުރީގައި އޮތް ނިއުރޭޑިއަންޓާއި މާޒިޔާއާ ދެމެދަށް އަށް ޕޮއިންޓް އޮތް އިރު އެއަށް ބަލާފައި ލީގު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ސުޒޭން ބުނީ ލީގްގެ ރަނގަޅު މަގާމެއް ހޯދާ ކަމަށް ވާނަމަ މިހާރު ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ލީގު ހޯދުމުގެ ހުރިހާ ފުރުސަތެއް މާޒިޔާއަށް ގެއްލިގެން ދިޔައީ. ލީގުގައި ރަނގަޅު ރެސްޕެކްޓަބަލް މަގާމެއް ހޯދަންޏާ އެބަޖެހޭ ވަރަށް ބުރަކޮށް މަސައްކަތް ކުރަން. މިހާރު މިއޮތީ ހަތަރު ވަނައަށް ވެއްޓިފައި ދެން އެއަށް މަސައްކަތް ކުރާނީ،" ސުޒޭން ބުންޏެވެ.

ރޭ ޓީސީއިން މާޒިޔާގެ މައްޗަށް ކާމިޔާބު ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

ޓީސީއާ ބެހޭ ގޮތުން ސުޒޭން ބުނީ ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ވަރަށް ރަނގަޅަށް އެފަޓް ލައިގެން ކުޅޭ ޓީމެއް ކަމަށާއި، އެޓީމުން ރޭ ހޯދި ކާމިޔަބަށް މަރުހަބާ ކިޔާ ކަމަށެވެ.

ރޭ ގެ މެޗުން މޮޅުވެ ޓީސީ ވަނީ އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓާ ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ.

ނިއުރޭޑިއަންޓަށް 20 ޕޮއިންޓް ލިބިފައިވާއިރު ޓީސީއަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.

މާޒިޔާ އޮތީ ހަތަރު ވަނައިގައި އޮތީ 12 ޕޮއިންޓް ލިބިގެންނެވެ. ތިން ވަނައިގައި އޮތް ވިކްޓްރީއަށްވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ނަމަވެސް ވިކްޓްރީއަށް ތިން ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.