ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރަން ޖެހޭ ކަމަށާއި އެފަދަ މުއައްސަސާތަކުގައި ތިއްބަވާ އިސްވެރިންނަކީ ފައިސާ އަށް ވިކޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ އޭނާ އިސްކަންދަރުކޮށި ކައިރިން ސައިކަލުގައި ދުއްވާފައި ވަޑައިގަންނަވަނިކޮށް އޭނާ އަށް ބަޔަކު މީހުން ހަމަލާ ދިން އިރު މިއަދާ ޖެހެންދެން ވެސް ހަމަލާ ދިން މީހުން ފުލުހުންނަށް ހޯދިފައި ނުވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާ އެ އަށް ވުރެ ހަރުދަނާ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ލެވެލް ފުލުހުންގެ މުއައްސަސާ ދިޔައިމާ މިއީ ޓޫމަޗު. މިއީ ޓޫމަޗު އިއްޒަތްތެރި ރައީސް. އެހެންވީމާ މިކަންކަން ހައްލުވާނީ ހުރިހާ ކަމެއް ވެސް ހައްލު ކުރެވިގެން. އަޅުގަނޑު ގައިގައި ޖަހައިގެން އަޅުގަނޑު އެ ވާހަކަ ދައްކަނީއެއް ނޫން. މިކަންކަން ހައްލުވާނީ ފުލުހުންގެ މުއައްސަސާއަކީ ހަރުދަނާ ތަނަކަށް ވެގެން،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ފުލުހުން ހޯދާ މަސްތުވާތަކެއްޗަށް ވަމުންދާ ގޮތާ މެދު ދިވެހި ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން މަސްތުވާތަކެތި ހޯދާ އިރު އެ މަސްތުވާތަކެތި ނައްތާލަނީ ރަނގަޅު ގޮތުގައިކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

"ޕޮލިސް ތެރޭގައި ހުރިހާ ސަކަރާތެއް ޖަހާ ވާހަކަ މި އަޑު އިވެނީ. ހުރިހާ ސަކަރާތެއް ޖަހާ ވާހަކަ. އޭޓު ޒެޑަށް ސަކަރާތް ޖަހާ ވާހަކަ މި ދަންނަވަނީ. އޭޓު ޒެޑަށް. އެއްވެސް ކަމެއް ހައްލެއް ނުވޭ. ވަޓްއިޒް ދިސް. އެހެންވީމާ އަޅުގަނޑުގެ އައިޑިއާއަކީ [ހިޔާލަކީ] އަޅުގަނޑުމެން މި ބޭނުންވާ ޗޭންޖު ގެނެވޭނީ ހަރުދަނާ [ވެގެން]،" އިލްހާމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ އެފަދަ ހުރިހާ ކަމެއް ހައްލު ކުރުމަށް އޮތް މުއައްސަސާ ކަމަށެވެ. އެއީ މަސްތުވާތަކެތި ކަމުގައި ވިއަސް އަދި މީހަކަށް ލިބޭ ގެއްލުމެއް ކަމުގައި ވިއަސް އެ ހުރިހާ ކަމެއް ހައްލު ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް އިލްހާމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"އެ މުއައްސަސާއަށް [ފުލުހުންގެ މުއައްސަސާ] ރައްޔިތުންނަށް އިތުބާރު ކުރެވޭ ކަހަލަ މެކޭނިޒަމެއް ގާއިމު ކުރަން އެބަޖެހޭ. މިއީ ހަގީގަތަކީ. އެހެންނަމަވެސް ޖަވާބަކަށް މި އަންނަނީ އެތަން އޮތީކީއެއް މިހެނެއް ނޫން. އަބަދުވެސް އޮންނަނީ ކޮންމެވެސް ކަހަލަ ސަކަރާތެއްގެ ތެރޭގައި. އެހެންވީމާ އަޅުގަނޑު އުއްމީދު ކުރަން ރައީސް އަބްދުﷲ ޔާމީން، އަޅުގަނޑު ޝައްކެއް ވެސް ނުކުރަން އެމަނިކުފާނު [ރައީސް ޔާމީން] މިފަހަރު އެކަން ކުރައްވާނެ. ކުރައްވަން ވެސް ޖެހޭނެ. މި މީހުންގެ ބާރުގެ ދަށުގައި ކަންކަން އޮވެގެން ނުވާނެ." އިލްހާމް ވިދާޅުވި އެވެ.