26 Oct 2015, 10:23
ރައީސް ނަޝީދުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދަށް ހަމަލާ ދީފައި ވަނީ އޭނާއާ ދޭތެރޭ އޮންނަ އެއްވެސް ޒާތީ ކަމަކާ ގުޅިގެން ނޫން ކަމަށް އޭނާ ބުނެފި އެވެ.
މަހުފޫޒުގެ ނަމުގައި އެމްޑީޕީގެ ސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި އޭނާ ވިދާޅުވީ އޭނާ އަށް ހަމަލާދިނީ އެއްވެސް ޒާތީކަމަކާ ގުޅިގެން ނޫންކަން ސާބިތުކަމާ އެކު ބުނަން ކެރޭނެ ކަމަށާއި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ އެއްވެސް މައްސަލައަކާ ގުޅިގެން އޭނާ އަށް އެފަދަ އިންޒާރެއް ވެސް ލިބިފައި ނުވާ ކަމަށެވެ.
މަހުފޫޒު ވިދާޅުވީ އޭނާ އަށް ދިން ހަމަލާއާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަތައް ފެތުރެމުން އަންނަ ކަމަށާއި އެކި ފަރާތްތަކަށް ތުހުމަތުތައް ކުރަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ވަކިގޮތަކަށް ވާހަކަދެއްކުމަށް ނުފޫޒު ހުރި ފަރާތްތަކުން ބާރުއަޅަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"އެހެން ނަމަވެސް އެގޮތަށް ވާހަކަ ދައްކައިގެން އަޅުގަނޑަށް ލިބޭނޭ އިނާމަކަށް ވުރެ، އިންސާފަށްޓަކައި ވަކާލާތުކުރުން އަޅުގަނޑު އިސްކުރާ ވާހަކަ އެފަރާތްތަކަށް އަޅުގަނޑު ވާނީ ދަންނަވާފައި،" އެމްޑިޕީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި މަހުފޫޒު ވިދާޅުވި އެވެ.
މަހުފޫޒަށް ދިން ހަމަލާގެ ސަބަބަކީ ކޮބައިކަން ފުލުހުން ތަހުގީގު ކުރެއްވުމަކީ މަހުފޫޒު އެދޭގޮތްކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތައް ހައްޔަރުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދި އެ މައްސަލައާ ގުޅިގެން ފުލުހުން އޭނާއަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށް އޭނާ ބުންޏެވެ.