31 Mar 2011, 09:34
ތޫނު ހަތިޔާރާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ހިންގަމުންގެންދާ ނުރައްކާތެރި މާރާމާރީއާއި ގޭންގުތަކުގެ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމަށް ދައުލަތުގެ ތިން ބާރާއި، ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްތައް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފެއްދެވި ނެޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ފަރާތުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ސްޕްރީމް ކޯޓުގައި ބޭއްވެވި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، ވައްކަމާއި، ފޭރުމާއި، ރޭޕްކުރުމާއި، މަސްތުވާތަކެއްޗާއި އެނޫނަސް ބޮޑެތި ކުށްތައް ހިންގާ ފަރާތްތައް ހޯދައި، ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް އެފަދަ ފަރާތްތަކަށް ގާނޫނީގޮތުން ދޭންޖެހޭ އަދަބުތައް ދިނުމުގައި ޝަރުއީ ނިޒާމުގެ ތެރެއިން ކުރެވެންހުރި ކަންތައްތައް ހަރުދަނާކަމާއެކު ގެންދެވޭނެ ގޮތްތަކަކާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"ޝަރުއީ މަރުޙަލާގައި މިފަދަ މައްސަލަތައް ދިގުލައިގެންދާ ދިޔުން އަވަސްކޮށް، ޤާނޫނީ ގޮތުން ދޭންޖެހޭ އަދަބުތައްދީ، މިފަދަ ކުށްވެރިން މަގުމަތީގައި އުޅޭ އުޅުން ހުއްޓުމަކަށް ގެނައުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން، ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި، އަދި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕްރޮސެކިއުޓަރ ޖެނެރަލް، ކޮމިޓީއަށް ވަނީ ދެއްވައިފަ އެވެ،" އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ މިދަނޑިވަޅުގައި ރައްޔިތުންނަށް އަމާންކަން ހޯދައިދީ، ރައްކާތެރި ވެއްޓެއް ގައުމުގައި ގާއިމުކޮށް ގައުމުގެ އިގުތިސާދު ހަރުދަނާ ކުރުމަށް ގައުމީ ފެންވަރުގައި ކުރަންފެށި އެ މަސައްކަތުގައި ޝަރުއީ ދާއިރާއިން އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވެ، މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޝަރުއީ ނިޒާމުގެ ތެރޭގައި ރަނގަޅު ކުރަންހުރި ކަންތައްތަކެއް ހުރިނަމަ އެކަންކަން ރަނގަޅުކުރުމުގައި ސުޕްރީމް ކޯޓުން ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އުއްތަމަ ފަނޑިޔާރުވަނީ އެ ކޮމިޓީއަށް ދެއްވައިފަ އެވެ. އަދި އެފަދަ ކުށްވެރިން ހޯދައި ހައްޔަރުކޮށް ޝަރީޢަތަށް ހުށަހެޅުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ، ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން މިކުރާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ހޯއްދެވުމަށްވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.
"މިފަދަ މައްސަލަތައް ހައްލުކުރުމަށް ކޯޓުތަކުން ކުރެވެންހުރި ކަންތައްތަކާއި ޝަރުޢީ ދާއިރާއިން ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ އިތުރުން، ޖަލުގެ ކަންކަން ހައްލުކުރުމުގައި ކުރެވެންހުރި ކަންތައްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ." ރައީސް އޮފީހުން ބުނެ އެވެ.
އެބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ހަސަން އަފީފާއި، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހާއި، ކޮމިޓީގެ އެހެން މެންބަރުން ބައިވެރިވެވަޑައިގަތެވެ.