26 Oct 2015, 09:46
ވޮޝިންޓަން (އޮކްޓޯބަރު 26): ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްގޮސްފައިވާތީއާއި ކައިރި މުސްތަގްބަލެއްގައި ތެލުގެ އަގު މައްޗަށްދާނެ ކަމަށް ނުބެލެވޭތީ ސައޫދީ އަރަބިޔާގައިވާ ބޭރު ފައިސާގެ ރިޒާވް ކުރިޔަށްއޮތް ފަސް އަހަރު ތެރޭގައި އެގައުމުން ބޭނުންކޮށް ހުސްކޮށްލުމަކީ އެކަށިގެންވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.
ސައޫދީ އަރަބިޔާގެ އިގްތިސާދާބެހޭގޮތުން އައިއެމްއެފް އިން ތައްޔާރުކޮށް ނެރުނު ރިޕޯޓެއް ބުނާގޮތުން ތެލުގެ އަގު ދަށްވުމުގެ ސަބަބުން ސައޫދީ ޚަޒާނާއަށްވަނީ ވަރަށްބޮޑަށް ބާރު ބޮޑުވެފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން މިއަހަރުވެސް 21.6 އިންސައްތައިގެ ބަޖެޓް ޑެފިސިޓެއް ސައޫދީ އަރަބިޔާއަށް ކުރިމަތިވެފައި ވާއިރު އަންނަ އަހަރުވެސް 21 އިންސައްތައާއި 25 އިންސައްތައިގެ ބަޖެޓް ޑެފިސިޓެއް ސައޫދީ އަރަބިޔާއަށް ކުރިމަތިވާނެކަން މި ރިޕޯޓްގައި ލަފާކޮށްފައި ވެއެވެ.
ތެޔޮ އެކްސްޕޯޓް ކޮށްގެން އާމްދަނީ ހޯދަމުން ގެންދާތާ 50 އަހަރު ވެފައިވާއިރުވެސް ސައޫދީ އަރަބިޔާގެ އިގްތިސާދުގެ 85 އިންސައްތަ ބަރޯސާވަނީ ހަމައެކަނި ތެލާއި ތެލުގެ އެހެނިގެން ސިނާއަތްތަކުން ލިބޭ އާމްދަނީއެއްގެ މައްޗަށެވެ. ތެލުގެ އާމްދަނީ އަށް ބަރޯސާވުން ކުޑަކުރުމުށް ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި ކުރިމަސައްކަތުން ތެލުގެ އާމްދަނީއަށް ބަރޯސާވުން ކުޑަކުރެވިފައިވަނީ އެންމެ 10 އިންސައްތައަށްކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
ސައޫދީ އަރަބިޔާއަކީ އިސްރާފް މިންވަރަށް ސަރުކާރުގެ ޚަރަދުތަކާއި އެހެން ޚަރަދުތައް ކުރަމުންގެންދާ ގައުމެކެވެ. މި އިސްރާފް ބޮޑު ޚަރަދުތައް ސައޫދީ އަރަބިޔާއަށް ކުރެވެނީ އަދަދު ނުކުރެވޭވަރަށް ތެލުގެ އާމްދަނީ ލިބެމުންދާތީ އެވެ. ނަމަވެސް ކުރިން ފީފާއެއް 80 ޑޮލަރާއި 90 ޑޮލަރާ ދެމެދުގެ އަގުތަކަށް ވިއްކަމުން ގެންދިޔަ ތެޔޮ މިހާރު ފީފާއަކަށް 40 ޑޮލަރާއި 50 ޑޮލަރާ ދެމެދުގެ އަގަކަށް ވިއްކަން ޖެހުމުގެ ސަބަބުން ސައޫދީ އަރަބިޔާއަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީން 80 ވަރަކަށް ބިލިޔަން ޑޮލަރު މަދުވާނެ ކަމަށް ޚުދު އެގައުމުންވެސް ވަނީ ލަފާކޮށްފައެވެ. މިއާއެކު ޚަރަދު ކުޑަކުރުމުގެ ޕްލޭނެއްވެސް ސައޫދީ މާލީ ވުޒާރާއިންވަނީ އެކުލަވާލައި ސަރުކާރުގެ މުއައްސަސާތަކަށް ފޮނުވާފައެވެ.
ތެލުގެ އާމްދަނީ ދަށްވުމުގެ ސަބަބުން ޖުމްލަ އާމްދަނީއަށް މަދުވާ ފައިސާ ސައޫދީ އަރަބިޔާއިން ފޫބައްދަނީ ރިޒާވްގެ ގޮތުގައި އެ ގައުމުން ރައްކާކޮށްފައިވާ ފައިސާއިންނެވެ. ސައޫދީ އަރަބިޔާއިން 700 ބިލިޔަން ޑޮލަރު ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ރައްކާކޮށްފައިވާއިރު އޭގެތެރެއިން 78 ބިލިޔަން ޑޮލަރު މިއަހަރު ތެރޭގައި ނަގާފައި ވާކަމަށްވެސް އައިއެމްއެފްގެ ރިޕޯޓް ބުނެއެވެ.
އަނެއްކޮޅުން ސައޫދީ އަރަބިޔާއަށް މިހާރުވަނީ ކުރިން ކުރިމަތިވެފައި ނުވާ މާލީ ފިއްތުންތަކެއްވެސް ކުރިމަތިވެފައެވެ. އެއީ ޔަމަންގެ ހަނގުރާމައެވެ. ޔަމަންގެ ހަނގުރާމައަށް ސައޫދީ މިއަހަރު ތެރޭގައި މިހާތަނަށް 4 ބިލިޔަން ޑޮލަރު ޚަރަދުކުރާނެ ކަމަށް އިގްތިސާދީ ރިޕޯޓްތަކުގައި އަންދާޒާ ކޮށްފައިވެއެވެ. ނަމަވެސް ޔަމަންގެ ހަނގުރާމައަށް ހިނގާ ފައިސާގެ އެއްވެސް ޚަރަދެއް ސައޫދީ ން ހާމަކޮށްފައެއް ނުވެއެވެ. ޔަމަންގެ ހަނގުރާމަ ހުއްޓުމެއްނެތި ދިގުމުއްދަތަކަށް ކުރިޔަށް ދިޔުމަކީ ސައޫދީ ޚަޒާނާ ޑްރެއިން ވެގެން ދާނެކަމެއްކަމަށް އިގްތިސާދީ މާހިރުން ލަފާކުރައްވައެވެ.
ޔަމަންގެ ހަނގުރާމައިގެ އިތުރުން އަރަބި ގައުމުތަކުގައި ހިނގާ ދާޚިލީ އެހެން ހަނގުރާމަތަކަށްވެސް ސައޫދީ އަރަބިޔާއިން ބޮޑެތި ޚަރަދުތަކެއް ކުރެއެވެ. މީގެތެރޭގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި އިރާގުގެ ދާޚިލީ ހަނގުރާމައިގެ އިތުރުން މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަމުގެ ނިޒާމު ދެމެހެއްޓުމަށްވެސް ސައޫދީ އަރަބިޔާއިން ބިލިޔަނުން ޚަރަދު ކުރެއެވެ.
އަނެއްކޮޅުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މަޑުމަޑުން އުވާލަމުން ދިޔުމާއެކު އީރާން އިގްތިސާދީ ގޮތުން ވަރުގަދަވެގެންދާ ދިޔުމަކީވެސް ސައޫދީ އަރަބިޔާއަށް މާލީގޮތުން ބާރު ބޮޑުވެގެންދާނެ ކަމެއްކަން އައިއެމްއެފްގެ ރިޕޯޓްގައި ލަފާކޮށްފައި ވެއެވެ.
އަންނަ އަހަރު އީރާނުން ދުނިޔޭގެ ބާޒާރަށް އެއްމިލިޔަން ފީފާގެ ތެޔޮ ނެރުމަށް މަސައްކަތް ކުރަމުންދާއިރު މިކަމުގެ ސަބަބުން ތެލުގެ އަގު ދާނީ އިތުރަށް ދަށަށްކަމަށްވެސް އައިއެމް އެފް އިން އަންދާޒާ ކޮށްފައި ވެއެވެ. (ނޫސްއެޖެންސީތައް)