ދިހަވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފަހު މެޗުގައި ހަރިކޭން ބާސްކެޓް ބޯލް ކުލަބް ބަލިކޮށް ޓީރެކްސް ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭ ކުޅުނު މެޗުން ހަރިކޭން އަތުން ޓީރެކްސް މޮޅުވީ 71-89 ޕޮއިންޓުންނެވެ. އެ މެޗަށް ނިކުތް އިރު ދެ ޓީމްވެސް ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފައެވެ. އަދި އެމެޗުން މޮޅުވުމުން ޓީރެކްސްއަށް ލިބިފައިވަނީ ޖުމްލަ 25 ޕޮއިންޓެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާން އެވެ. އޭނާ ވަނީ 21 ޕޮއިންޓް ހޯދައިދީފައެވެ. ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 26 ޕޮއިންޓާ އެކު ރިކިން ޕެތާނީ އެވެ. ހަރިކޭންއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 12 ޕޮއިންޓާ އެކު މުހައްމަދު އީވާން ޒާހިރު އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ޓީރެކްސްގެ އަހްމަދު ޒަބީރު ހޮވިފައިވާއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް އެ ކްލަބްގެ ކޯޗްއެވެ.

ލީގުގުގައި އެންމެ ގިނަ ޕޮއިންޓް ހޯދީ ހަރިކޭންގެ އަލެކްސެންޑާ ކަލަންޖް އެވެ. އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ޔޫއެން ފްރެންޑްސްގެ އަބްދުﷲ އަމްޒަރު ހޮވުނުއިރު އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ އުމެއިރު މުހަައްމަދު އެވެ.

ލީގުގެ ދެ ވަނަ ޓީމަކީ ހަރިކޭން އެވެ. ތިން ވަނަ ލިބުނީ ރެޑްލައިން އަށެވެ. ލީގުގެ ގަދަ ހަތަރު ޓީމު ގައުމީ މުބާރާތަށް ކޮލިފައިވާއިރު މި ތިން ޓީމާއެކު ގައުމީ މުބާރާތުން ދެން ޖާގަ ލިބުނީ ދިވެހި ސިފައިންގެ ކުލަބަށެވެ.

ގައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ޒުވާނުންގެ މަރުކަޒްގެ އެތެރޭ ކޯޓްގައެވެ.