26 Oct 2015, 01:16
ގ. ކަނޑިތޮޅިމާގެއަށް ފުލުހުންގެ ޓީމަކުން މިރޭ ވަދެ އެ ގެ ބަލާ ފާސްކޮށްފި އެވެ. ފުލުހުން އެގެއަށް ވަނީ ކިހާ އިރަކު ކަމެއް ނޭނގެ އެވެ.
ގ. ކަނޑިތޮޅިމާގެއިން ފުލުހުންގެ ޓީމު ނުކުމެގެން ދިޔައިރު އެއްވެސް އެއްޗެއް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ މިރޭ "ސަން" އަށް ވިދާޅުވީ ގ. ކަނޑިތޮޅިމާގެ ފުލުހުން ބަލައި ފާސްކުރި ކަމަށެވެ. އަދި ވިދާޅުވީ ލޯންޗުކޮޅުގެ ހާދިސާއާ ގުޅިގެން ފުލުހުން މާލޭގެ އެކި ތަންތަން ބަލާ ފާސްކުރަމުން އަންނަ ކަމަށާއި އެ މައްސަލާގައި ހައްޔަރުކުރަން ޖެހިއްޖެ މީހެއް ފުލުހުން ހައްޔަރު ކުރާނެ ކަމަށެވެ.
"ހައްޔަރު ކުރަންޖެހުނު މީހެއް ފުލުހުން ހައްޔަރު ކުރާނެ، އަދި ގެންދަން ޖެހިއްޖެ އެއްޗެއް ފުލުހުން ގެންދާނެ،" އިސްމާއިލް ވިދާޅުވި އެވެ.

ގ. ކަނޑިތޮޅިމާގެ ހުންނަ ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރި ވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ގ. ކަނޑިތޮޅިމާގެ ފުލުހުން މިރޭ ބަލާ ފާސްކޮށްފައިވާއިރު އިއްޔެ ފުލުހުން ވަނީ ހަމަ އެ މަގުގައި ހުންނަ ގ. އޮއެވާލި ވެސް ބަލާ ފާސްކޮށްފަ އެވެ. އެގެއިން ގިނަ އަދަދެއްގެ ތަކެތި ފުލުހުން ގެންގޮސްފައިވާއިރު އެގެއިން ފުލުހުން އިއްޔެ ވަނީ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.
ގ. އޮއިވާލި އަކީ، ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮން ފަރާތެއް ކަމަށްވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، އަދި މިހާރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު، މުހައްމަދު ހުސައިން (އޮއިއްޓޭ) ދިރިއުޅުއްވާ ގެއެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ މާލޭގެ އެކި ތަންތަން ބަލާ ފާސްކުރަމުން ނެވެ. އެއްގޮތުން އިއްޔެ ވަނީ އަށް ތަނެއް ބަލާ ފާސްކޮށް ތިން މީހަކު ހައްޔަރު ކޮށްފަ އެވެ.