28 Nov 2015, 23:51
ސައުދީ ރަސްގެފާނުގެ ހިލޭ އެހީގެދަށުން ރާއްޖޭގައި އަޅަން ހަމަޖެހިފައިވާ ދިހަ މިސްކިތުގެ ތެރޭގައި ހިމެނޭ ރ. މީދޫ މިސްކިތުގެ ބިންގާ އަޅައިފި އެވެ.
މިއަދު ހަވީރު އަސުރުނަމާދަށްފަހު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.
އާބާދީގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މީދޫގައި މިއަދު ބިންގާ އަޅާފައި ވަނީ 700 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށެވެ. އެއް އަހަރުތެރޭ މިސްކިތް އަޅައި ނިންމާގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްވިފްޓު އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ ސައުދީ ރަސްގެފާނު ރާއްޖެއަށް މިސްކިތްތައް ހަދިޔާ ކުރުމުން ދޭހަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ވަނީ މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިވުމަށް އެރަށު ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދެއްކެވި ވާހަކަފުޅުގައި އެ ދާއިރާގެ ތަރައްގީއަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ.
މިއަދު މީދޫގައި މިސްކިތުގެ ބިންގާ އެޅިގެން ދިޔުމުން އަތޮޅުތަކުގެ ތަރައްގީއަށް ޚާއްސަކޮށް މަޑުއްވަރީ ދާއިރާގެ ތަރައްގީއަށް ރައީސް ޔާމީން ދެއްވާ ސަމާލުކަން ހާމަވެގެންދާ ކަމަށް އަމިތު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރ. އަތޮޅު ކައުންސިލްގެ ރައީސާއި މީދު ކައުންސިލް މެމްބަރުންނާއި އެރަށުގައި ހުންނަ ސަރުކާރު މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ.