31 Mar 2011, 09:59
ނ. މާފަރު ރަށު ކައުންސިލަށް އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި އެ މަގާމަށް ޝަރުތުހަމަނުވާ ބޭފުޅަކު ހުރި ކަމަށް ބުނެ އެ ރަށު ރަށު ކައުންސިލްގެ އިދާރާ މިއަދު ބަންދުކޮށްފި އެވެ.
މާފަރު ރަށު ކައުންސިލްގެ ރައީސް އަންވަރު ޢަބުދުލް ޣަނީ ސަން އަށް މައުލޫމާތު ދެއްވި ގޮތުގައި މިއަދު ހެނދުނު ކައުންސިލް މެމްބަރުން އޮފީހަށް ވަޑައިގަތް އިރު އޮފީހުގެ ގޭޓް ހުރީ ރަށުގެ މަދު ބަޔަކު ނުކުމެ ބަންދުކޮށްފަ އެވެ.
"މިއަދު ހެނދުނުން ފެށިގެން ރަށު އޮފީހުގެ ގޭޓް މިހިރީ އަޅުގަނޑުމެންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. މިކަމުގައި މިއުޅެނީ ރަށުގެ ވަރަށް މަދު ބަޔަކު. ހައެއްކަ މީހުން،" އަންވަރު ވިދާޅުވި އެވެ.
އަންވަރު އިތުރަށް ވިދާޅުވި ގޮތުގައި އޮފީސް ބަންދުކޮށްގެން އުޅޭ މައްސަލައިގެ މައުލޫމާތު މިހާރު ވަނީ ނ. އަތޮޅު ކައުންސިލްގެ އިދާރާ އަށް ދީފަ އެވެ. ނަމަވެސް އެކަމާ ބެހޭ މައުލޫމާތު ފުލުހުންނަށް ދޭން ބޭނުން ނުވާ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.
މާފަރު ކައުންސިލްގެ އިދާރާ ބަންދުކުރުމުގައި އިސްކޮށް އުޅޭ ޢަބުދުލްޤާދިރު ސަން އަށް މަޢުލޫމާތު ދެއްވި ގޮތުގައި އެ އިދާރާ ބަންދު ކުރަން ޖެހުނީ ކައުންސިލަށް އިންތިހާބުވެފައިވާ ކައުންސިލަރުންގެ ތެރޭގައި ޝަރުތުހަމަނުވާ ބޭފުޅަކު ހުންނަވާތީ އެކަމުގެ ޝަކުވާ ރާއްޖޭގެ ކޯޓްތަކަށް އުފުލުމުން ވެސް އެކަން އެއްވެސް ވަރަކަށް ބަލައިދީފައި ނުވާތީ އެވެ.
"ކައުންސިލަރުންގެ ތެރޭގައި އެބަހުރި ޝަރުތުހަމަނުވާ ބޭފުޅަކު، އަޅުގަނޑުމެން ވާނީ އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނާއި ހައިކޯޓަށް އަދި ސްޕްރީމް ކޯޓަށް ވެސް އުފުލާފައި ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް އެއިން އެއްވެސް ފަރާތަކުން އަޅުގަނޑުމެންނަށް އެއްވެސް އިޖާބައެއް ދީފައެއް ނުވޭ." ޢަބުދުލްޤާދިރު ވިދާޅުވި އެވެ.
ރަށު ކައުންސިލްގެ އިދާރާ ބަންދުކޮށްގެން އުޅެނީ ހައެއްކަ މީހުން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި ނަމަވެސް ޤާދިރު ވިދާޅުވި ގޮތުގައި އެކަމުގައި ވިއްސަކަށް މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޝަރުތުހަމަނުވާ ކަމަށް ބުނާ ކައުންސިލަރުގެ މައްސަލަ ނުބަލަނީސް އިދާރާ ހުޅުވުމުވެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށު ކައުންސިލްގެ އިދާރާ ބަންދުކޮށްފައި ވަނީ ކައުންސިލަރެއް މާޒީގައި ކޮށްފައިވާ ވައްކަމަކާ މަތިކޮށް ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.