25 Oct 2015, 21:47
ރާއްޖޭގެ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައިގައި ކަން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު މިއަދު ދެއްކެވި ވާހަކަފުޅުން ހާމަވާ ކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރެވިފައި ނުވަނީ ރައީސް ޔާމީނުގެ ނާގާބިލު ކަން ސާބިތުވާ ކަމަށެވެ.
..."ދިވެހިރާއްޖޭގެ ޙާލަތު މިއަދު އޮތީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ދަރަޖައިގައިކަން ހުދު ރައީސް ޔާމީންގެ ވާހަކަފުޅުން ވެސް ހާމަވާއިރު ދައުލަތުގެ އެންމެހައި މުވައްސަސާތަކާއި ބާރުތަކެއް އެމަނިކުފާނުގެ މުށުތެރޭގައި އޮވެމެ، އަދި ރާއްޖޭގެ އެންމެ މަޤްބޫލް ސިޔާސީ ލީޑަރު ރައީސް މުޙައްމަދު ނަޝީދާއި އެނޫންވެސް ސިޔާސީ ބޭފުޅުން ޖަލުގައި ހައްޔަރުކުރައްވައިގެން މިރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރެވިފައި ނުވަނީ ރައީސް ޔާމީންގެ ނާޤާބިލްކަމުންކަން ސާބިތުވެއެވެ،" ބަޔާނުގައިވެ އެވެ.
ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ ފަސާދަކުރައްވާފައި ވަނީ ސީދާ ރައީސް ޔާމީނު ކަމަށް ވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އަދި ފުލުހުންގެ ބައެއް ބޭފުޅުން އެކަމުގައި ބައިވެރިވެފައިވާއިރު އެބޭބޭފުޅުންނަށް ސިޔާސީ މަގާމުތައް ދެއްވުމުން ދޭހަވަނީ އެކަންކަން ރައީސް ޔާމީނަށް މައްސަލައަކަށް ނުވާކަން ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
ފުލުހުންނާއި ސިފައިންގެ ވެރިން މިއަދު ބަދަލުކޮށްފައިވާއިރު އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކަކީ ސިޔާސީ ކުލަވަރު ޖެހިފައިވާ ތަހުގީގުތަކެއް ކަން ރައީސްގެ ވާހަކަފުޅުން ހާމަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
"...ފުލުހުންނާއި ސިފައިންގެ އިސް ވެރިން މިއަދު ބަދަލުކޮށްފައިވާއިރު އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން މިހާތަނަށް ހިންގުނު ތަޙްޤީޤްތަކަކީ ސިޔާސީ ކުލަވަރު ޖެހިފައިވާ ތަޙްޤީޤްތަކެއްކަން ރައީސް ޔާމީންގެ ވާހަކަފުޅުން މިއަދު ހާމަވެއެވެ. ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި، ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ މައްޗަށް ހިންގުނު ތަޙްޤީޤްތަކަކީ ވަކި ބައެއްގެ ނުފޫޒުން ހިންގާފައިވާ ތަޙްޤީޤްތަކެއްކަން ޔަގީނެވެ،" ބަޔާނުގައި ވެއެވެ.