ހަފްތާއަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށްފަހު މާދަމާ މަޖިލީހުގެ ޖަލްސާއެއް ފަށަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލީ ކީއްވެގެން ކަމެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މަޖިލިސް މެމްބަރުން ވިދާޅުވީ ހުރިހާ މަސައްކަތްތައް އޮތީ ކޮމެޓީ މަރުހަލާގައި ކަމަށާއި އެހެންކަމުން އެ މަސައްކަތްތައް ނިންމުމަށް ވަގުތު ބޭނުންވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލުމަށްފަހު މާދަމާ އަލުން ޖަލްސާތައް ފަށާއިރު ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ކޯލިޝަނުން މިއަދު ވަނީ ނިންމާފަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މަޖިލިސް މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ، ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެކޯލިޝަނުން މަސައްކަތް ފަށަފައިވާ ކަމަށެވެ.

މާދަމާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ކޮމެޓީތަކުން ނިންމާފައިވާ ފަސް ކަމަކަށް ވޯޓަށް އެހުން އެބައޮތެވެ. އޭގެތެރޭގައި އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު ފާސްކުރުން ހިމެނެ އެވެ.

މަޖިލީހުގެ ޖަލްސާތައް ހަފުތާއަކަށް މެދުކަނޑާލިއިރު ކޮމެޓީ މަރުހަލާގައި މިހާރު ވެސް 19 ބިލެއްގެ މަސައްކަތް ނުނިމި އެބައޮތެވެ.