25 Oct 2015, 19:45
އަންނަ މަހުން ފެށިގެން ކަނޑު އުޅަނދު ބަނުމުގެ ގަވައިދަށް އަމަލުކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
އިކޮނަމިކް މިނިސްޓްރީގައި މިއަދު އޮތް ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އެ ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ އެ ގަވައިދު މިހާރު ވަނީ އާއްމުންގެ ޚިޔާލަށް ހުޅުވާލާފައި ކަމަށެވެ.
އެ ގަވައިދު އެކުލަވާލާފައި ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ފަހު ވަރަށް ބޮޑު ދިރާސާއަކަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގަވައިދު އެކުލަވާލުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް ތަޖުރިބާކާރެއްގެ އެހީތެރިކަމާއި އެކު ކަަމަށް އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ އެހެން ހިސާބުތަކުގައި މިކަން ކުރާ ގޮތް ބެލުނު. ސްރީލަންކާ އަށް ދަތުރުތަކެއް ކުރެވުނު، އިންޑިއާ އަށް ދަތުރުތަކެއް ކުރެވުނު، އެ ސަރަހައްދުތަކުގައި ބަންނަމުންދާ ގޮތް ބެލުނު،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ މާވަޑިންނާއި އުނޅަދުބަނުމުގައި މަސައްކަތްކުރާ ފަރާތްތަކާއި އެއްކޮށް ވެސް މަޝްވަރާކޮށްފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

އިކޮނަމިކް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓާ ހުސައިން ނަޒީރު (ކ) އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކެޕްޓަން އަބްދުއްލަތީފު މުހައްމަދު (ވ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ނިޝާން މުހައްމަދު
އެ ގަވައިދުގެ ދަށުން އުނޅަދުފަހު ބަންނަނީ ސަލަމާތާއި ރައްކާތެރިކަމަށް ސަމާލުކަން ދީގެންތޯ ބަލާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ. އެ ގަވައިދު ތަންފީޒުކުރަނީ ވަކި ވަރަކަށް ވުރެ ބޮޑެތި އުނޅަދުތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމާނުއްސުރެ ވެސް ދިވެހިން އުނޅަދު ބަނެފައި ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ކަމަށާއި އެހެންނަމަވެސް އުނޅަދު ފަހަރު ބޮޑުވެ ބަންނަށްދާ ޚަރަދު ބޮޑުވުމުން ބައެއް ގޯސްތައް ހެދިފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކެޕްޓަން އަބްދުއްލަތީފު މުހައްމަދު ވިދާޅުވިއެވެ.
އެ ގަވައިދު ތަންފީޒުކުރަން ފެށުމުން ކަނޑުގަދަތުރުފަތުރުކުރާ އުނޅަދުތައް ބަންނަންޖެހޭނީ އެގަވައިދުގައިވާ ގޮތުގެ މަތިންނެވެ. އުނޅަދު ދުއްވުމުގެ ހުއްދަ ލިބޭނީ އޭރުން ކަމަށް ޓްރާންސްޕޯޓް އޮތޮރިޓީން ބުންޏެވެ.
ބަނުމާއި ބެހޭ ގަަވައިދު އެކުލަވާލުމުގެ މަސައްކަތްކުރާތާއް މިހާރު ވަނީ ހަތަރު އަހަރުވެފައެވެ.