ފަސް ރަށަކަށް ކަރަންޓު އުފައްދައިދޭ ޖަނަރޭޓަރު ގެންގޮސް އިންސްޓޯލްކޮށް، އެ ރަށްރަށުގެ ކަރަންޓާ ގުޅޭ އެކިއެކި މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ފެނަކަ އާއި ގުޅިގެން ސަރުކާރުން ކުރިއަށްގެން ދާ އެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އެލްޓީއޭ ޕްރޮޖެކްޓްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

ޝީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީނު މުހައްމަދު އެވެ. އެލްޓީއޭ ޕްރޮޖެކްޓްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އެޗްދީ ޗަމިންދާ އެވެ.

އެ އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ އާއި، ގއ. ވިލިގިލި އާއި ތ. ބުރުނި އާއި ޅ. ކުރެންދޫގެ އިތުރުން ބ. ގޮއިދޫ އަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ޖަނަރޭޓަރު ގެންދާނެ އެވެ. އަދި ކަރަންޓު ނަރުތައް އަޅައި އެކަންކަން ކުރާނެ ގޮތުގެ ޑިޒައިން ތައްޔާރުކުރާނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަބްދުލް މަތީނު މުހައްމަދު ވިދާޅުވީ، އެ މަޝްރޫއަށް ގާތްގަނޑަކަށް 4.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް ރަށްރަށުގެ ކަރަންޓު ވިއުގަ މައްސަލަޖެހި ބާވެފައިވާތީ އެ ރަށްރަށުން ކަރަންޓް ވިއްކައިގެން ލިބެނީ ގެއްލުން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ވީހާވެސް އަވަހަށް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް އަބްދުލް މަތީނު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފެނަކަ ކުންފުންނާއި އެލްޓީއޭ ޕްރޮޖްކްޓްސްގެ އިސްވެރިންވެސް ބައިވެރިވި އެވެ.