31 Mar 2011, 09:49
ނުއަގުގައި ޑޮލަރު ވިއްކަމުން ދަނިކޮށް ރެޑް ހޭންޑްކޮށް އަންގާރަ ދުވަހު އަތުލައިގަތް ބިދޭސީ މީހާގެ ބަންދުގެ މުއްދަތު، ފުލުހުންގެ އެދުމުގެ މަތީން ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްދީފި އެވެ.
ޑޮލަރުގެ ކަޅުބާޒާރާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކަނިކޮށް ފުރަތަމަ ފަހަރަށް ފުލުހުން އަތުލައިގަތް މީހާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވީ ބަންގްލަދޭޝްގެ އެ މީހާ އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި މީހާގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން ފުރުސަތު މި ލިބުނީ،" ޝިޔާމް ވިދާޅުވި އެވެ.
ނުއަގުގައި ޑޮލަރު ވިއްކާ ކަމަށް ޝައްކު ކުރެވޭ ތަންތަނާއި މީހުން، ބަލައި ފާސްކުރުމަށް ފުލުހުން މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި ބަގްލަދޭޝްގެ އެމީހާ ހައްޔަރުކުރީ ޗާންދަނީމަގު ލައިޓް ކައިރީ ހުންނަ ފިހާރައަކުން ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.