25 Oct 2015, 16:23
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ޑީއާރްޕީގެ މައްޗަށް ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން ޑީއާރްޕީގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ އަމީރު ހިންގާ ދެ ސްޓޫޑިއޯ ކަމުގައިވާ އެއިމް ކްރިއޭޝަނާއި އޭވީއެމް ޕްރޮޑަކްޝަންގެ ސާމާނާއި ތަކެއްޗާއި މީހުން ބޭނުންކޮށްގެން އެޕާޓީން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާތީ އެވެ.
އެ ދެ ސްޓޫޑިއޯ އިން ޑީއާރްޕީއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ތެރޭގައި އެޕާޓީން 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު އަދި 2009 ވަނަ އަހަރު ހިންގާފައިވާ ބައެއް ހަރަކާތްތައް ވީޑިއޯކޮށް އެޑިޓްކޮށް ވީޑިއޯ ހައިދިނުން ހިމެނެ އެވެ.
ޑީއާރްޕީގެ ފަރާތުންނާއި އާމިރުގެ ފަރާތުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އިންވޮއިސްތަކަށް ފައިސާ ދައްކާފައިނުވާކަން އެނގޭ ކަމަށް އެ ހުކުމްގައިވެ އެވެ.
އެހެންކަމުން އެ މަސައްކަތްތަކުގެ އަގަށްވާ 19،908،176 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި އާމިރަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.