ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ކޯލިޝަނުން ނިންމައިފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މަޖިލިސް މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ، ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެކޯލިޝަނުން މަސައްކަތް ފަށަފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތެވެ.

ސަރުކާރު ކޯލިޝަންގައި 49 މެމްބަރުން ހިމެނެއެވެ.

ނައިބު ރައީސް އަދީބުގެ މައްޗަށް އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް ސަރުކާރު ހިންގާ ކޯލިޝަނުން ނިންމާފައި މިވަނީ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލައާ ގުޅިގެން ނައިބު ރައީސް އިއްޔެ ހައްޔަރުކޮށްފައިވަނިކޮށެވެ. އެމަނިކުފާނުގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.

އަދީބު ނައިބު ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު އެމަގާމުން ވަކިކޮށްފައިވަނީވެސް އިތުބާރުނެތް މައްސަލައެއް މަޖިލީހަށް ހުށައަޅައިގެންނެވެ.