މާލޭގެ އަމާންކަން ނަގާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި 17 މީހުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ 17 މީހުން އިއްޔެ ހައްޔަރުކުރުމަށްފަހު މިއަދު ދޫކޮށްލީ ތަހުގީގަށް އެމީހުން އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށެވެ.

އެމީހުން ދޫކޮށްލި ނަމަވެސް އެމީހުންގެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ އެމީހުން ހައްޔަރުކޮށްފައިވަނީ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރުމާއެކު މާލޭގައި ހިންގާފާނެ ހަމަނުޖެހުމަކަށް ބަލައިގެންނެވެ.

ނައިބު ރައީސް ހައްޔަރުކުރުމާއެކު ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ މާލެތެރޭގެ އަމަން ބެލެހެއްޓުމުގެ މަސައްކަތް ފަށާފައެވެ. އޭގެ ތެރެއިން އިއްޔެ މާލޭގެ ބައެއް ގޭގޭވެސް ވަނީ ބަލައިފާސްކޮށްފައެވެ.