އިސްލާމިކް ސްޓޭޓް ނޫނީ އައިއެސް އުފެދުމުގައި އިރާގު ހަނގުރާމަ ކޮންމެވެސް ވަރެއްގެ ދައުރެއް އަދާ ކުރި ކަމަށް ވިދާޅުވެ، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ މައާފަށް އެދިވަޑައިގެންފި އެވެ.

ސީއެންއެން އަށް ދެއްވި އިންޓިވިއުއެއްގައި ޓޯނީ ބްލެއާ ވިދާޅުވީ އިރާގު ހަނގުރާމަ އަށް ފަހު ކަންކަން ކުރެވުނީ ރަނގަޅަށް ނޫން ކަމަށެވެ. ނަމަވެސް އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ނިންމުނީ ރަނގަޅަށް ކަމަށް ވިދާޅުވި އެވެ.

އަދި ބްރޯޑްކާސްޓް ކޮށްފައި ނުވާ، ސީއެންއެންގެ ޕްރޮގްރާމުގައި ބްލެއާ ވިދާޅުވީ އިރާގްގެ މިހާރުގެ ހާލަތަށް ސައްދާމް ވެރިކަމުން ދުރުކުރުމުގައި އުޅުނު އެންމެން ވެސް ކޮންމެވެސް ވަރަކަށް ޒިންމާ ނަގާކަމަށެވެ. ނަމަވެސް ސައްދާމް ސަރުކާރުން ބޭރުނުކުރި ނަމަ އިރާގްގެ ހާލަތު ސީރިއާ އާ އެއްގޮތް ވާނެކަމުން މިއީ މާފަށް އެދެން އުނދަގޫ ކަމެއް ކަމަށް ބްލެއާ ވިދާޅުވި އެވެ.

މީގެ އިތުރުން ބްލެއާ ވަނީ ހަނގުރާމަ ރޭވުމުގަ އާއި ސައްދާމުގެ ވެރިކަމުން ވައްޓާލުމުން ދެން ވާނެ ކަންތަކާ މެދު ވިސްނާނުލެވުނު ކަމަށް ޓަކައި މައާފަށް އެދިވަޑައިގެންފަ އެވެ.

ބާރަ އަހަރު ވަންދެން މިފަދަ އިއުތިރާފެއް ވެފައި ނުވާ ބްލެއާ މާފަށް އެދިފައި މިވަނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ސާ ޖޯން ޗިލްކޮޓްގެ އިރާގް ހަނގުރާމަ އާ ބެހޭ ރިޕޯޓް ނެރެން ގާތްވެފައި ވަނިކޮށެވެ.