25 Oct 2015, 15:13
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ސަރުކާރުގެ ކޯލިޝަންގެ މަޖިލިސް މެމްބަރުންނާއި އެކު ބޭއްވި ދޮޅު ގަޑިއިރަށްވުރެ ދިގު ބައްދަލުވުމާ ބެހޭގޮތުން އެއްވެސް މެމްބަރަކު އެއްޗެއް ވިދާޅެއް ނުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދާދީ ދެންމެއަކު ބޭއްވި އެބައްދަލުވުން ނިންމަވާލައްވާފައި ނުކުންނެވި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާ، އެ ބައްދަލުވުމާއި ބެހޭގޮތުން ސުވާލުކުރެއްވުމުން ވިދާޅުވީ " ކޮމެެއްޓެއް ނެތް" ކަމަށެވެ.
ދާންދޫ ދާއިރާގެ މެމްބަރު އައްސަދު ވިދާޅުވީ، އެ ބައްދަލުވުމުގައި ދެއްކެވީ " ރާއްޖެ ޓީވީ އާއި ބެހޭ ވާހަކަ" ކަމަށެވެ. އެހެންނަމަވެސް އެއީ ސީރިއަސްކޮށް ވިދާޅުވި އެއްޗެއް ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.
ރައީސާ ބައްދަލުކުރެއްވުމަށް ފަހު މެމްބަރުން ނުކުމެވަޑައިގެންނެވި އިރު މޫނުމަތިން ހާސްވެވަޑައިގަންފައިވާ ކަމުގެ އަސަރު ފެންނަން ހުއްޓެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ނުލިބެއެވެ.
ރައީސާ ބައްދަލުކުރެއްވުމަށް ފަހު މެެމްބަރުން ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރުންނާ ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ.