25 Oct 2015, 15:23
ނައިބު ރައީސް އަހްމަދު އަދީބް އަބްދުލް ޣަފޫރު ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވާފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ނައިބު ރައީސް އަދީބު އެކަހުރިކުރަންޖެހޭ ކަމަށެވެ.
"މިހާރު މިހުންނެވި ނައިބު ރައީސް އެކަހެރިކުރަންޖެހުނު ސަބަބު ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް އަޅުގަނޑު މިދަންނަވައިދިނީ. މުޅި މާލޭގެ ސަލާމަތާ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށް އަޅުގަނޑު އެބަޖެހޭ މިކަންކުރަން. މިއީކީ ކަޓަރުއެޅީކީ ނޫން. މިއީ ބޮމެއް ގޮވީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަހުގީގަށް ހައްޔަރުކުރި ބައެއް ސިފައިންގެ މީހުންގެ ގެތައް ބަލައި ފާސްކުރި އިރު ބޮން އުފައްދަން ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގިނަ ހެކިތައް ވަނީ ނައްތާލާފައި ކަމަށާއި ކޯޓު އަމުރު ހިފައިގެން ބަލައި ފާސްކުރަން ދިޔުމުގެ ކުރިން އެކަން އޮންނަނީ އެގެއެއްގެ މީހުންނަށް އެނގިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ސިފައިންގެ މީހުންނާއި ނައިބު ރައީސް އަދީބުގެ ބޮޑީގާޑުންނާ ގުޅުން އޮތްކަން ތަހުގީގުން އެނގިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިދިޔަ ޖުލައި މަހުގެ ފަހުން އެމަނިކުފާނަށް ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތައް ލިބެމުންނުދާ ކަމަށެވެ. ނަމަވެސް ރަސްމީކޮށްނާއި ނުރަސްމީކޮށް ނައިބު ރައީސް އަދީބު ގެންދެވީ ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު އެއްކުރަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.