މާލެއިން ފުރައިގެން އަރިއަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏަކާއި ލ. އަތޮޅުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދެ ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެތަނުން ދެ ދޯންޏެއްގައި ދަތުރުކުރި އެންމެން ސަލާމަތުން ތިއްބައި ފެނިއްޖެ އެވެ.

އެމީހުން ސަލާމަތުން ތިއްބައި ފެނުނު ނަމަވެސް، ލ. އަތޮޅުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ނޫމަސް ދޯންޏާއި އެޓޯލް އެކްސްޕްރެސް ދޯނި ވަނީ އަޑިއަށްގޮސްފަ އެވެ. އަޑިއަށް ދިޔަ ސަބަބެއް އަދި ނޭނގެ އެވެ.

އެ ދެދޯނީގެ ކެޕްޓަނުންނާ ހަވާލާދީ، އެމްއެންޑީއެފުން ބުނީ އެ ދެދޯނި އަޑިއަށް ދިޔައީ އިއްޔެގެ މެންދުރު ފަހު 2:30 އާއި 3:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ދޯނިން ދަތުރުކުރި މީހުން ރައްކާތެރިކަން ހޯދާފައި ވަނީ ކޮންޓޭނަރު ފެންމަތިކޮށް ފްލޯޓެއް ހަދައިގެން ކަމަށެވެ.

އެ ދެ ދޯނިން ދަތުރުކުރި 11 މީހުން ގޮވައިގެން ކޯސްޓްގާޑް ޝިޕް ޝަހީދު އަލީގައި މިހާރު އަންނަނީ ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ކަމަށާއި އެ ދެ ދޯނިން ދަތުރުކުރި އެއްވެސް މީހަކު ގެއްލިފައި ނުވާ ކަމަށް ދެ ދޯނީގެ ކެޕްޓަނުންނާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެތަނުން އެކަކުގެ ފައި ބިނދިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދެ ދޯނިން ދަތުރުކުރި މީހުން އެމްއެންޑީއެފް ކޯސްޓްގާޑް ޓީމަށް ފެނިފައިވަނީ މިއަދު ގާތްގަނޑަކަށް 12:15 ހާއިރު ލ. ގާދޫގެ 50 މޭލު އިރުންނެވެ.

ހޯދަމުން ދަނިކޮށް މިހާރު ހަބަރެއްވެފައި ނުވަނީ މާލެއިން ފުރައިގެން އަރިއަތޮޅަށް ދަތުރުކުރި "މާރަނަ 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެކެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި، އެ މަޢުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދެއެވެ.