ދަނޑުވެރިން ހައްދާ ތަކެތި ވަކި އަގެއްގައި ސަރުކާރުން ގަންނަން ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ އިއުލާން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢްލާން ކުރެއްވީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ ތިން ރަށަކަށް އިއްޔެ ހަވީރު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ފީވަކަށް ޒިޔާރަތް ކުރައްވައި، ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތީގެ މިންވަރު 20 ޕަސެންޓުން ދަށްކުރުރުން އެއީ، ސަރުކާރުގެ އެއް ވައުދެވެ.

"ސަރުކާރުގެ ވިސްނުންފުޅަކީ، ދަނޑުވެރިކަން ތަރައްގީ ކުރެއްވުމަށްޓަކައި، ރަށްރަށުގައި ހައްދާ ތަކެތި، ސަރުކާރުން ބައްލަވައިގަނެ، ސަރުކާރުގެ ކުންފުންޏެއް، ނުވަތަ އެގްރިކަލްޗަރ ކޯޕަރޭޝަނެއް މެދުވެރިކުރައްވައިގެން، އެތަކެތި އެހެން ތަންތަނަށް ގެންދެވުމާއި، އެހެން ގޮތްގޮތަށް ވިއްކެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ރަށްވެރި ކަމަށާއި، ރަށްރަށުގެ ކަންކަން ހިންގުމުގެ ނިޒާމަށް މިހާރު ވަރަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެއްވި އެވެ. އަދި އެ ބަދަލުތަކުގެ ތެރެއިން، ރައްޔިތުންގެ ބައިވެރިވުމާއެކު، ރަށްރަށް ހިންގުމަށްޓަކައި، ރަށްރަށުގެ ކައުންސިލްތައް މިހާރު ވަނީ ވަރަށް ފުރިހަމައަށް އިންތިހާބު ކުރެވިފައި ކަމުގައި ވިދާޅުވެ، ކައުންސިލަށް އިންތިހާބުވެ ވަޑައިގެންފައިވާ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންތިޚާބުގެ ތެރޭގައި ޕާޓީގެ ވާދަވެރިކަން އޮންނާނެ ކަމަށާއި، ނަމަވެސް، އިންތިޚާބު ނިމުނީމާ އެންމެންގެ މަސައްކަތަކަށް ވާންޖެހޭނީ ރަށުގެ ތަރައްޤީ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ސަރުކާރުގެ ބޭނުންފުޅަކީ، އެ އިންތިހާބެއް ކާމިޔާބު ކުރެއްވި ބޭފުޅުންނާއެކީގައި، އެ ރަށެއްގެ ތަރައްގީއަށް މަސައްކަތް ކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ފީވަކުގައި މިހާރުން މިހާރަށް ކުރައްވަން ޖެހިވަޑައިގެންފައިވާ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވަމުން، ރަށުގެ ބަނދަރަށް ބޭނުންވާ މަރާމާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވައި ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ނިންމަވާލައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ފީވަކުގެ މިސްކިތުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރެއްވުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ފީވަކަކީ ދަނޑުވެރިކަމުގައި، ވަރަށް މުހިންމު ރަށެއްކަން ފާހަގަކުރައްވަމުން، ރަށުގެ ދަނޑުވެރިކަން ތަރައްގީ ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން ބާރުއަޅައި، އެހީތެރިވެދެއްވަން ބޭނުންފުޅުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުން، ކައުންސިލާ މަޝްވަރާ ކުރެއްވުމަށްފަހު، ދަނޑުވެރިކަން ތަރައްގީ ކުރުމަށް ބޭނުންވާ ކަމެއް ފާހަގަކުރެއްވުމުން، ސަރުކާރުން އެކަމަކަށް އެހީތެރިވެދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފީވަކަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ކައުންސިލާ ބައްދަލުކުރައްވައި، ކައުންސިލްގެ ހިންގެވުމާއި، ރަށުގެ ތަރައްގީއާ ގުޅޭ ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.