25 Oct 2015, 15:30
ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތުކޮށް ތަރައްގީ ކުރުމަށް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މަރާމާތުކޮށް ތަރައްގީ ކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ދ. މީދޫ ސިއްހީ މަރުކަޒާއި ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒާއި ތ. މަޑިފުށީ ސިއްހީ މަރުކަޒު އަދި ށ. ފޯކައިދޫ ސިއްހީ މަރުކަޒެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މަރުކަޒުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
އެ ރަސްމިއްޔާތުގައި މީދޫ ސިއްހީ މަރުކަޒު ސެންޓަރު މަރާމާތު ކުރުމަށް ހަވާލުކޮށްފައިވަނީ ހަވާވުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެސިސްޓަންޓް މެނޭޖިން ޑިރެކްޓަރު އާއިޝަތު ސާދާ އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖުމްލަ 856،473 ރުފިޔާއަށް މީދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ހާވާލުކޮށްފައިވާއިރު އެ މަސައްކަތް ނިންމުމަށް 84 ދުވަސް ދީފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން މަރުކަޒުގެ ދޮރާއި ކަރަންޓުގެ މަސައްކަތް ރަނގަޅު ކުރުމުގެ އިތުރުން ބައެއް ކޮޓަރިތަކުގައި އޭސީ ހަރު ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ޓްރައިކޯ އިންވެސްޓްމެންޓާ ހަވާލުކޮށްފައިވާއިރު އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު އަލީ ނިޒާމެވެ.
މަރުކަޒުގެ ފައުންޑޭޝަން އާއި ކޮންކްރީޓްގެ މަސައްކަތުގެ އިތުރުން އިމާރާތް ރޭނުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 99 ދުވަހަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަޝްރޫއަށް 1.1 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ ކަމަށްވެސް ވިދާޅުވި އެވެ.
މަޑިފުށީ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރުމަށް އައިއެސްއެފް ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވާއިރު ފޯކައިދޫގެ މަރުކަޒުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ނިޝާން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެވެ.
އިރުތިޝާމް ވިދާޅުވީ، މަޑިފުށީ ސިއްހީ މަރުކަޒު ތަރައްގީކޮށް މަރާމާތު ކުރުމަށް 1.3 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ފޯކައިދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ހަމަޖައްސާފައިވަނީ 710،238 ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަޑިފުށީގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން އިމާރާތެއްގެ ފައުންޑޭޝަނާއި ސިމެންތި ޖެހުމާއި ކޮންކްރީޓްގެ މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ އިތުރުން އިމާރާތު ސީލިން ކުރުމާއި ކަރަންޓުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޯކައިދޫ މަރުކަޒު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން އޯވާހެޑް ޓޭންކް ބެހެއްޓުމާއި ފާހާނާތައް މަރާމާތު ކުރުމާއި އެމްބިއުލަންސް ވޭ ޕޭވްމެންޓެއް ތައްޔާރުކުރުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.