25 Oct 2015, 13:36
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އިސްތިއުފާ ދެއްވައިފި އެވެ.
މުންދު އިސްތިއުފާ ދެއްވިކަން މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގެ ތަހުގީގާ މުންދުއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ނަމަވެސް "އެހެންކަންތައްތަކަކާ ގުޅިގެން މުހައްމަދު ހުސައިން ޝަރީފަށް ދަންނަވާލެވުނީ އިހަށް އޮފީހަށް ވަޑައިނުގެން" މަޑުކޮށްލުމަށް ކަމަށެވެ.
"މުހައްމަދު ހުސައިން ޝަރީފު ކުޑަދުވަސްކޮޅެއް ވަންދެން އޮފީހަށް ވަޑައިނުގަންނަވަން މަޑުކުރަން ދެންނެވީމާ އަމިއްލަފުޅަށް އިސްތިއުފާދެއްވީ،" ރައީސް ވިދާޅުވި އެވެ.
މުންދު މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން އެ މަނިކުފާނު އޮފީހަށް ނުކުމެވަޑައި ނުގެން ގޭގައި މަޑުކުރެއްވުމަށް ބުރާސްފަތި ދުވަހު އެންގެވި ކަމަށާއި އެ ސަބަބާ ހުރެ، އިސްތިއުފާ ދެއްވަން ނިންމެވި ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގެ ކެބިނެޓްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ، ލިބުނު ޝަރުފަކާއި އުފަލެއް ކަމަށެވެ.