މުޅި ފުލުހުންގެ މުއައްސަސާއަށް ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ނުފޫޒާއި ބާރު ވަނީ ވަރަށް ބޮޑަށް ފެތުރިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ދިވެހި ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ވަޒީރުންނާއި ނައިބު ރައީސަށް ފުލުހުންގެ މުއައްސަސާއާ މެދު އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަށް މި ސަރުކާރުން ވާނީ ނިންމަވާފައި ކަމަށެވެ. ނަމަވެސް ކަންތައްތައް ދިމާވެފައި އޮތީ އެމަނިކުފާނު ވަރަށް ހައިރާންވާ ފަދަ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މުޅި ފުލުހުންގެ މުއައްސަސާއަކީ ނައިބު ރައީސްގެ ނުފޫޒާއި ބާރު ވަރަށް ބޮޑަށް ފެތުރިފައި އޮތްތަނެއްގެ ގޮތަށް އަޅުގަނޑަށް ފާހަގަކުރެވިގެން ދިޔައީ. މިއީކީ އެކަން އެގޮތަށް އޮންނަން އަޅުގަނޑު އެދޭގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ރަސްމީ އަދި ނުރަސްމީ އެކި ކަހަލަ ވަސީލަތްތައް ނާއިބު ރައީސް އަދީބު ވަނީ ސަރުކާރުގެ ބަޖެޓުގެ ބޭރުން ފުލުހުންނަށް ފަހިކޮށްދެއްވާފައި ކަމަށެވެ. އަދި އެއީ އެމަނިކުފާނު ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އޮފީސް ފުލުހުން ބަލައި ފާސްކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ފުލުހުންގެ މުއައްސަސާ އަށް ކޮށްދީފައިވާ ކަމުގެ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ލިބިފައިވާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރްސީގެ އޮފީހުގެ އިތުރުން އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރީ ވެސް އެ މައްސަލައާ ގުޅިގެން ކަމަށާއި ޒިޔަތުގެ އެޕާޓްމަންޓުން އެކަމުގެ ހެކި ފެނިފައިވާ ކަމަށެވެ.

"އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ ގޭގެތެރެއިން ފުލުހުންގެ ރަސްމީ ބޭނުންތަކަށް ބޭނުންވާ އެއްޗިހީގެ ރިކްއެސްޓް ސިޓީތައް އެގޭތެރެއިން ވަނީ ހޯދާފައި. ތަހުގީގު ކުރާ މީހުންނަކަށް މިއީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ. ރަސްމީ ލެޓަހެޑްގައި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ތަކެތި ހޯދަމަށް ބޭނުންވެގެން ފޮނުވާ ލިޔުންތައް އަބްދުﷲ ޒިޔާތުގެ ގޭގައި ހުންނަން ޖެހޭ ކަމަށް ފުލުހުން ގަބޫލެއް ނުކުރޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް އެފަދަ ނުފޫޒު ފޯރުވުމުގެ ޖާގަ ކޮމިޝަނަރު އޮފް ޕޮލިސް ދެއްވައިގެންނުވާނެ ކަމަށާއި ނަމަވެސް އެޖާގަ ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ހުސައިން ވަހީދު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން ވަކިކުރެއްވީ އެހެންވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ އެމަގާމުގައި [ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި] ހުންނަވާ ބޭފުޅަކު ފުލުހުންގެ މުއައްސަސާ ތެރެއަކަށް މިކަހަލަ ނުފޫޒެއް ވަންނަން ޖާގަ ދީގެން ނުވާނެ. އެހެންނަމަވެސް އެ ޖާގަ އެވަނީ ދީފައި. އެސަބަބަށް ޓަކައި އަޅުގަނޑު ނިންމިން ... އޭނާ ގާބިލު ނޫން ކަމަށް. ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރަންޖެހުނީ ވެސް މިދެންނެވި ސަބަބަށް ޓަކައި ނައިބު ރައީސް ފުލުހުންގެ މުއައްސަސާގެ މައްޗަށް ބާރު ފޯރުއްވާފައި އޮތް މިންވަރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ރަސްމީ ބޭނުންތަކަށް ބޭނުންވާ އެއްޗިހި ހޯދަން ބޭނުންވާ އެއްޗިހި ހޯދަން އެމްއެމްޕީއާރްސީ އަށް ރިކުއެސްޓުދާންވީ ކީއްވެގެންތޯ ތަހުގީގު ޓީމުން ބަލަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ސުވާލު ކުރުމުން ޒިޔަތު ހުންނެވީ ހަނު ކަމަށާއި ޒިޔަތު މެދުވެރިކޮށް އެ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވި ނަމަވެސް މިއަދާހަމައަށް ވެސް އެކަން ވެފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ އެމްއެމްޕީއާރްސިއާ ފުލުހުންނާ އަދި ނައިބު ރައީސާއި ފުލުހުންނާ މިއޮންނަ ގުޅުން ތަހުގީގުން އިތުރަށް ބަލަން ބޭނުންވި. މިކަންތައްތަކުގެ މައުލޫމާތު އަދި ވަނީ ނުލިބި،" ރައީސް ވިދާޅުވި އެވެ.

ތަހުގީގު ޓީމުން ސުވާލުކުރުމުން ޒިޔަތު ހަނުހުންނެވުމުން އެނގިގެންދަނީ އޭނާ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން ކަމަށާއި ޒިޔަތު ހައްޔަރުކުރީ އެ ސަބަބަށް ޓަކައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ އޮފީހެއްގެ ވެރިއަކަށް ހުންނެވި ބޭފުޅެއް އަބްދުﷲ ޒިޔަތަކީ. އަބްދުﷲ ޒިޔަތު އެތަނަށް ވަންނަ ފައިސާ އާއި އެ ފައިސާ ބޭނުންކުރާ ގޮތް ފުލުހުންގެ ތަހުގީގަށް ވިދާޅުވެދެއްވަން ދެކޮޅު ހެއްދެވީމަ، އެއީ ކޮންމެވެސް ކަންތައްތަކެއް ފޮރުވަންޖެހިގެން ފޮރުވަނީ ކަމަށް ފުލުހުން ގަބޫލު ކުރި،" ރައީސް ވިދާޅުވި އެވެ.