ހެންވޭރު ވިޝަން އޮޕްޓިކަލްސް ކައިރީގައި ހުންނަ ގްރީން އެވެނިއު ކިޔާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން އެއްވެސް މީހަކައަށް އެއްވެސް ހާނީއްކައެއް ވެފައިނުވާ ކަމަށެވެ. ނަމަވެސް ދުމުގެ އަސަރުކުރި މީހަކަށް ވަނީ ސެނަހިޔާ އިން ފަރުވާދީފައި ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގީ މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 1:00 ހާއިރު އެވެ. އަލިފާން ރޯވެ ކުޑަ ވަގުތުކޮޅެއްގައި ވަނީ ފަޔާ އެންޑް ރެސްކިއު ޓީމާއި ފުލުހުން އަދި އާންމުން ގުޅިގެން އަލިފާންގަނޑު ނިވާލައިފަ އެވެ.

އާދައިގެ ގޮތަކަށް ހަދާފައިވާ އެ ގެއަކީ ބްރައިޓް ބްރަދާސް ނަމަކަށް ކިޔާ ކުންފުޏެއްގައި މަސައްކަތް ކުރަން އުޅޭ ބިދޭސީންތަކެއް ދިރިއުޅޭ ގެއެވެ. އެގޮތުން އެ ގޭގައި ގާތްގަނޑަކަށް 15 ވަރަކަށް ބިދޭސީން އުޅެ އެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް ރަސްމީ އެއްވެސް ފަރާތަކުން ވަނީ ސާފުވާގޮތް ނުވެފަ އެވެ. ނަމަވެސް އެ ގޭގައި އުޅޭ ބިދޭސީއަކު ބުނީ "އަލިފާން ރޯވީ ބަދިގޭގައި" ކަމަށާއި "ކީއްވެކަން ނޭނގޭ" ކަމަށެވެ.

ގްރީންއެވެނިއު ގޭގައި އަލިފާން ރޯވެފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ