25 Oct 2015, 13:32
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަދާކުރައްވަމުން ގެންދެވި ޒިންމާތަކުން ދުރުކުރައްވައި، އެކަންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސީދާ ބެއްލެވެމުގެ ދަށުން ހިނގާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ދިވެހި ގައުމާ މުހާތަބު ކުރައްވައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ހިންގުމުގައި ރައީސްގެ ދައުރު އިތުރަށް ފުޅާކުރައްވައި، ގިނަ ކަންތައްތައް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާން ނިންމަވާފައި ވާކަމަށެވެ.
އެގޮތުން މީގެ ކުރީން ނައިބު ރައީސް އަހްމަދު އަދީބާ ހަވާލުކުރައްވާފައިވާ، ސްޕެޝަލް އިކޮނޮމިކް ޒޯން އޮފް މޯލްޑިވްސްގެ އިންވެސްޓްމަންޓްތައް ބަލަހައްޓާ ބޯޑުގެ ޗެއާ ކަމުންނާއި، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ކޯ-ޗެއާ ކަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދުރުކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާއާ ގުޅޭ ތަހުގީގަށް ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށްފައިވާ އިރު، ރައީސް ޔާމީން މިއަދު ވިދާޅުވީ، ނައިބު ރައީސަށް ފުރިހަމަ އިތުބާރާއި ގިނަ ފުރުސަތުތަކެއް ދެއްވެވީ ސަރުކާރު ހިންގުމުގެ ދުވެލި އަވަސްކުރައްވަން ކަމަށެވެ.
ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން ގެންދެވި، ޓޫރިޒަމް މިނިސްޓްރީ އަށާއި މިހާރު މިނިސްޓަރުގެ މަގާމް ހުސްވެފައިވާ ޑިފެންސް މިނިސްޓްރީއަށް ވެސް ވަރަށް އަވަހަށް ބޭފުޅުން އައްޔަންކުރައްވާނޭ ކަމަށް މިއަދު ގައުމާ މުހާތަބުކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
ކޯޓު އަމުރެއްގެ ދަށުން ނައިބު ރައީސް އިއްޔެ ހައްޔަރުކުރީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތް ވަގުތު އެވެ.