ގިނަ ބަޔަކާ އެކު މާލެ އިން ފުވައްމުލަކަށް ދަތުރުކުރަނިކޮށް ވ. އަތޮޅު ފަރަކަށް އެރި ފުވައްމުލަކު ބޯޓު ފުންކޮށްފި ކަމަށް ފެލިދޫ އޮފީހުން ދެންމެ ބުނެފި އެވެ.

ފުވައްމުލަކު ދަޑިމަގު ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަޖާހު އިބުރާހީމް މިއަދު ވިދާޅުވި ގޮތުގައި ފަރަށް އެރި ބޯޓްގައި 18 އަންހެނުންނާއި ނުވަ ކުޑަ ކުދިންނާ އެކު ޖުމްލަ 58 މީހުން ތިއްބެވެ. އަދި އެ ބޯޓުން ދަތުރުކުރި
އަންހެނުންގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނޭ ކަމަށް ނަޖާހު ވިދާޅުވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ގިނަ އަދަދެއްގެ މުދަލާ އެކު ދަތުރުކުރަނިކޮށް ރޭ ފަތިހު 5.30 އެހާކަންހާއިރު ވ. އަތޮޅު ފެލިދޫކައިރީ އޮންނަ ފަރަކަށް އެރި މިބޯޓަކީ ފުވައްމުލަކު ދަޑިމަގު މަލިކުރުވާގޭ ޢަބުދުލްޣަފޫރުގެ ފަހިދޫ ނަމަކަށް ކިޔާ ބޯޓެއް ކަމަށް ނަޖާހު ވިދާޅުވި އެވެ.

ފަހިދޫ ބޯޓުން ދަތުރުކުރި އެންމެން ވެސް މިހާރު ސަލާމަތްކޮށްފައިވާ ކަމަށާއި އެމީހުން މިހާރު ތިބީ ވ. އަތޮޅު ފެލިދޫގައި ކަމަށް ނަޖާހު ވިދާޅުވި އެވެ.

"ބޯޓް ފަރަށް އެރި ހަބަރު ލިބުމާ އެކު ވ. އަތޮޅު އަލިމަތާ ރިޒޯޓުން ވަނީ 90 މީހުންގެ ޖާގައިގެ އުޅަނދެއް ބޯޓްކައިރި އަށް ފޮނުވާފައި. ބޯޓްގައި ތިބި އެންމެން މިހާރު ވަނީ އެއުޅަނދުގައި ފެލިދު އަށް ގެންގޮސްފައި،" ސަން އަށް މަޢުލޫމާތު ދެއްވަމުން ނަޖާހު ވިދާޅުވި އެވެ.

ފަރަށް އަރާފައިވާ ބޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން ބޯޓްގެ ބަނޑުފިލައިން އެއް މަޑޫ ނެއްޓިފައިވާ ކަމަށް ނަޖާހު ވިދާޅުވި އެވެ.

ފެލިދޫގައި ތިބޭ ފުލުހުންނާއި އެމްއެންޑީއެފް އަދި އަލިމަތާ ރިޒޯޓް ގުޅިގެން ފެހިވިލާބޯޓް ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

"ފަރަށް އަރާފައިވާ ބޯޓަށް ވަރަށް ބޮޑަށް ދިޔަވަމުންދާތީ އަލިމަތާ ރިޒޯޓުން ޕަމްޕްތައް ގެނެސްގެން މަސައްކަތްކުރަމުން ދަނީ. އަދި ފެލިދޫގައި ތިއްބަވާ ފުލުހުންނާ އެމްއެންޑީއެފްގެ ބޭފުޅުންގެ އިތުރުން ފެލިދޫ ރައްޔިތުން ވެސް ދަނީ ބޯޓް ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން. އެހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާ އެކު ޝުކުރު އަދާކުރަން." ފަހިދޫ ބޯޓް ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން ނަޖާހު ވިދާޅުވި އެވެ.

ފަހިދޫ ބޯޓް ފަރަށް އަރަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.