19:00


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ޤާއިމު ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ޤާއިމު ކުރުމުގެ ޤާނޫނުގެ ބޭނުމަކީ، ސިޔާސީ ނުފޫޒުންނާއި އިގްތިސާދީ ނުފޫޒުންނާއި މާލީ ނުފޫޒުން މިނިވަންވެގެންވާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ދައުރު ކަށަވަރުކޮށްދިނުމާއި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ސަގާފަތާއި ބަސްކުރިއެރުވާ ޤައުމުގެ ހުރިހާ ހިސާބުތަކަކަށް ފޯރުކޮށްދެވޭ ބްރޯޑްކާސްޓްކުރުމަށް މަގުފަހިކޮށްދިނުމެވެ.


މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ނަމުގައި، ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ ގޮތުގައި، ޕަބްލިކް ސާވިސް ބްރޯޑްކާސްޓިންގެ ހިދުމަތްދޭނެ ފަރާތް ޤާއިމު ކުރެވޭނެ އެވެ.


އެ ޤާނޫނުގައިވާ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ހިންގަނީ ރައްޔިތުންގެ މަޖިލީހުން  އެކުލަވާލާ 9 މެންބަރުންގެ ޑިރެކްޓަރުންގެ ބޯޑަކުންނެވެ. ޑިރެކްޓަރުންގެ ބޯޑު ޖަވާބުދާރީވާނީ ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލިސް މެދުވެރިކޮށް ޤައުމުގެ ރައްޔިތުންނަށެވެ.


އެ ގާނޫނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕޮރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގުކުރެއްވީ ބިލުގެ އިމުގެ ތެރޭގައި މަގްސަދު ހާސިލު ކުރައްވަން ބޭނުންވާ އިދާރީ އޮނިގަނޑު މުޅިން ފުރިހަމަކަމުގައި ނުވި ނަމަވެސް ޤާނޫނު ތަންފީޒުކުރާ ބާރަށް ލިބިފައިވާ ގާނޫނީ ވަސީލަތްތައް ބޭނުންކޮށްގެން އިންތިގާލީ ގޮތެއްގައި އެ ގާނޫނަށް އަމަލުކުރަން ފެށްޓެވުމުގެ ބޭނުންފުޅުގައި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްތީގުކުރެއްވި ކަމުގައި ވިޔަސް އެ ބިލުން އިސްލާހު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެޓާނީ ޖެނަރަލް ވެސް ފާހަގަކުރައްވައި ރައީސް އަރިހުގައި ދަންނަވާފައިވާ ކަމަށް ޒުހޭރު ވިދާޅުވި އެވެ. އެގޮތުން އެ ގާނޫނު ތަންފީޒު ކުރުމަށް ހުށަހަޅަންޖެހޭ ގިނަ އިސްލާހުތަކެއް ހުރުމުން އެ އިސްލާހުތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.


މި މަހުގެ ހައެއްގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި "މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ޤާއިމު ކުރުމުގެ ބިލް"  ރައީސް ނަޝީދު މިއަދު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިރު ކޮށްފަ އެވެ.